ވަސީލަތްތައް ނުދީ ޝަރީއަތްތައް އަވަސްކުރަން އުންމީދުކުރުމަކީ ކަނޑުގައި އިނގިލިން ރޮނގެއް އެޅުންފަދަ ކަމެއް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން: ފަނޑިޔާރު ސުއޫދު ވިދާޅުވީ ވަސީލަތްތައް ނުދީ ޝަރީއަތްތައް އަވަސްކުރަން އުންމީދުކުރުމަކީ ކަނޑުގައި އިނގިލިން ރޮނގެއް އެޅުންފަދަ ކަމެއް ކަމަށް --

ޝަރުއީ ދާއިރާއަށް ބޭނުންވާ މުވައްޒަފުންނާއި އިމާރާތްތައް ނުދީ ޝަރީއަތްތައް އަވަސްކުރަން އުންމީދުކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގެއް އެޅުންފަދަ ކަމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމެއްގައި ބުނެފިއެވެ.

އެއީ، އިތުރު ބަޔަކާ ގުޅިގެން ޑުރަގު އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ޑިސެމްބަރު 7، 2020 ގައި ހައްޔަރުކުރި ސ. ހުޅުދޫ/ ދޭލިޔާގެ، ޢިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހުކުމެވެ.

ޑުރަގުގެ ބޮޑު ތުހުމަތެއްގައި ހައްޔަރުކޮށްފައިހުރި ޢިރުފާންގެ ބަންދު މުރާޖައާކޮށްދޭން އެދުމުން އޮކްޓޫބަރު 3، 2023 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ. ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޑިސެމްބަރު 20، 2023 ގައި ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އެކަމަކު، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން އެ ކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޢިރުފާން އަލުން ބަންދުކުރަން އަންގައިފައެވެ. އަދި، ހަތް ދުވަހުގެ ތެރޭގައި އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްތޯ ނުވަތަ ނޫންތޯ ދަށު ކޯޓުން ކަނޑައަޅަން ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މިހާރު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކުރުން ކަމަށެވެ.

އެކަމަކު، އެކަން ކުރެވޭނީ ޝަރުއީ ދާއިރާއަށް އެކަށިގެންވާ މުވައްޒަފުންނާއި އިމާރާތް ދީގެން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

https://sun.mv/189816

"ޝަރީއަތުގެ މަރުހަލާ އަވަސްކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީއަތްކުރުމަށް އެކަށޭނޭ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާ އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައިދިނުން،" ރައުޔު އިއްވަމުން ފަނޑިޔާރު ސުއޫދު މިއަދު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ ވަސީލަތްތައް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން އުންމީދުކުރުމަކީ ކަނޑުގައި އިނގިލިން ރޮނގެން އެޅުންފަދަ ކަމެކެވެ.

"އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީ ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް،" ފަނޑިޔާރު މައްސަލައިގެ ހައްލު ކިޔައިދެއްވަމުން ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ނުވަތަ ތަހުގީގު ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެންޖެހޭ ތިބުން ނިމުމަކަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ވާނުވާ ހައްލުކުރަން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ވެސް އެކަށޭނެ ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ މި ހިނގާ ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް