މިދިޔަ ދެ ރެއިން 88 އުޅަނދު ޓޯކޮށްފި

ފުލުހުން މަގުމަތީ ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ޓޯކުރަނީ --- ފޮޓޯ/ ފުލުހުން

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިދިޔަ ދެ ރެއިން 88 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ވަނީ ބޮއްސުންލައިފައެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެހެންވެ، ފުލުހުން މި މަހު ތިންވަނަ ދުވަހު ވަނީ އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަން އިއުލާނުކޮށްފައެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ އެކަނި ވެސް މާލޭ ސިޓީން 48 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އިއްޔެ ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ރޭ ވަނީ 40 އުޅަނދު ޓޯކޮށްފައެވެ.

މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް