އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް ފަށައިފި

އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް ފެށުން -- ފޮޓޯ

މި އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް ރޭ ފަށައިފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓަ ޔުނިވާސިޓީ، ކޮލެޖު، އިންޓަ އޮފިސް، އިންޓަ ރިސޯޓު މުބާރާތްތައް ހިމެނޭކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މުޅި އަހަރަށް ބަހާލައިގެން ބޭއްވޭ އީއޭ އެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ މުބާރާތްތަކުގެ ޖުމްލަ ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާއެވެ.

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވޯކު ކަމުގައިވާ އުރީދޫއިން މި އަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. މި އަހަރު "އަލްޓިމޭޓް ޕްލޭޔަ" ޓްރޮފީއަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށް ވެސް ހުޅުވައިލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

"އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވައިލެވޭ މޮޅު ފަންނާނެކެވެ. އަދި، އެހެން ކުޅުންތެރިންނަށް ނަމޫނާ ގޭމަރަކަށް ވެގެންދާނެކަމަށް އުރީދޫން ބުންޏެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނަކު ހޮވައި ފުރަތަމަ ފަހަރެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ -- ފޮޓޯ/ އުރީދޫ

މި އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވިދާޅުވީ، އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ދަނީ ފަހިކޮށްދެމުން ކަމަށެވެ.

ޒުވާނުންނަށް ވެސް އަދި ގޭމު ކުޅޭ ހުރިހާ މީހުންނަށް ވެސް އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަނގަޅު މުބާރާތްތަކެއްކަން ޔަގީންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފެންވަރުގައި އީ-ސްޕޯޓްސްއަށް އުރީދޫއިން ދޭ ސަޕޯޓަށް ޝުކުރު ދެންނެވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫ ނޭޝަން ގޭމާސް ލޭންޑް ލޯންޗު ކުރެވިފައިވަނީ ރާއްޖޭގައި ގޭމު ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކަމަށާއި އުރީދޫއިން އަބަދު ވެސް ބަލަމުން ދަނީ އީޖާދީ އަދި ކަސްމަރުންނާއި ގުޅިގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށް ކަމުގައެވެ.

އަދި، މި އަހަރު މި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ ނޭޝަންއާ ގުޅޭ އިތުރު ތަފްސީލު އުރީދުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް