ރަމަޟާން މަހު ކަރަންޓާއި ފެން ބިލް އިތުރު ނުވާނެ ގޮތަށް ކެޕް ކުރަން ރައީސް ނިންމަވައިފި

ރައީސް މުއިއްޒު -- ސަން ފޮޓޯ/ މޫސާ ނަދީމް

ރަމަޟާން މަހު ކަރަންޓާއި ފެންބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމަވައި، އެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

މިރޭ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުންނަށް ތަކުލީފު ބޮޑުވާ ކަމަށެވެ. ނަމަވެސް، މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

"...އާންމު މަހެއްގައި ހުންނަ ރޭޓުގައި ކެޕް ކޮށްފައި، އޭގެ މާނައަކީ އާންމު މަހެއްގައި ހުންނަ ވަރަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ފެނާއި ކަރަންޓު ބިލު ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

މިހާރު ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް މިކަމުގެ މަޝްވަރާތައްކޮށް، އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ ހަ ރަށަކުން ނަގާ 30 ރުފިޔާގެ ޗާޖު ވެސް އުވާލަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭދަފުށީގައި ވާހަކަ ދައްކަވަމުން ރައީސް، ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގަތް ފަދައިން އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސަން ނިންމައި އެކަން ވެސް އިއުލާނު ކުރެއްވިއެވެ.

"މި ހަފުތާތެރޭ އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލު ކުރާނަން. ދެން އެ ރަށުގައި އޭރުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ދެން މިހިރަ ކަންކަން ޕްލޭން ކޮށްގެން ކައުންސިލާއި ސަރުކާރާ ކުރިއަށްގެންދަން ހުރި ހުރިހާ ކަމެއް ކައުންސިލުން ކުރިއަށް ގެންދަވަންވީ،" ރައީސް ވިދާޅުވިއެވެ.

ރައިސް ވަނީ މިމަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ޚަރަދު، ޑޮމެސްޓިކް ރޭޓަށް ތިރިކުރަން ނިންމައި އެކަން ވެސް މިދިޔަ އަންގާރަ ދުވަހު އިއުލާނު ކުރައްވާފައެވެ. އަދި ރަށު ޕިކަޕުގެ ފީއެއްގެ ގޮތުގައި ސަރުކާރުން ނަގާ 1،800 ރުފިޔާ ވެސް އުވާލަން ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް ވިދާޅުވީ، މި ހުރިހާ ކަމަކީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ނިޔަތުގައި ކުރައްވާ ކަންކަން ކަމަށެވެ.

comment ކޮމެންޓް