ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ: ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރު ދިން ބަޔަކުވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށް، މިއަދު ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.

އެ އަމުރުގައިވާ ގޮތުން އެ ދެ މީހުން ވެސް، ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން އެ ދެ މީހުންގެ މައްޗަށް ތުހުމަތު ވަނީ ދެ ފަނޑިޔާރަކަށް އިންޒާރު ދިންކަމަށާއި އެވަގުތު ސީނަށް އެޓެންޑުވި ފުލުހުންނަށް ވެސް އިންޒާރު ދިން ކަމަށް، ކަމަށް އެ އަމުރުގައިވެއެވެ.

އެ ދެ މީހުންނަކީ ވެސް އެ ބާވަތުގެ ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށް ކޯޓު އަމުރުގައި އޮތެވެ.

އެ މައްސަލައިގައި 22 އަހަރުގެ މީހާއަށް 15 ދުވަސް ޖެހި ނަމަވެސް 32 އަހަރުގެ މީހާއަށް ޖަހާފައި ވަނީ ފަސް ދުވަހެވެ. އޭނާއަށް ފަސް ދުވަސް ޖެހީ އޭނާ ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށް ބުނާތީ ކަމަށް އަމުރުގައިވެއެވެ.

comment ކޮމެންޓް