ކުރުފިލްމު 'ހަދީޖާ' އޮލިމްޕަހަށް

ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަހަކު މަސައްކަތް ކޮށްފައިވާ އެކްޓަރު އަހުމަދު އާސިމްގެ "ތުރުކަސް ފިލްމްސް" ޕްރޮޑަކްޝަންގެ ކުރުފިލްމު "ހަދީޖާ" އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ތުރުކަސް ފިލްމްސްއިން ހަދީޖާގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަކީ ޕްރޮޑަކްޝަނުން ގެނެސްދޭ އުފެއްދުމެއް ކަމަށްވާ "ވިހާލި" ސީރީޒްގެ ބައެކެވެ.

ހަދީޖާގެ ކުރު ފިލްމު ސިނަމާއަށް ނެރުމަށް ތައްޔާރުވާއިރު މި ފިލްމަކީ ވިހާލި ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ ބައެވެ. އެއާއެކު ފިލްމު ބެލުމުން ސީރީޒްގެ ދެވަނަ ބަޔަށް ތައްޔާރު ވެވޭނެއެވެ.

އެކްޓު ކުރުމާއި ފިލްމު އެޑިޓިންގެ މަސައްކަތުގައި ވެސް އުޅޭ އާސިމްގެ ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ކުރުފިލްމަކީ 40 މިނެޓުގެ ފިލްމެކެވެ.

މި ފިލްމުގައި މުޖުތަމައުގެ އެކި ކަހަލަ މައްސަލަތަކަށް އަލި އަޅުވައިލާނެއެވެ. އޭގެ ތެރޭގައި، ގެވެށި އަނިޔާގެ މައްސަލަތައް ފަދަ ބައެއް މައްސަލަތައް މި ފިލްމުގައި ދައްކާލާނެއެވެ. ހަދީޖާ ދެވަނަ ސީޒަންގެ ޓްރެއިލާއިން ވެސް މިފަދަ ކަންތައްތަކެއް ދައްކާފައިވެއެވެ.

މި ފިލްމުގެ ރޯލުތަކުން ފެންނާނީ ރަވީ ފާރޫގާއި ނަތާޝާ ޖަލީލު އަދި އަހުމަދު ނިމާލެވެ.

އޮލިމްޕަހުގައި ފިލްމު ދައްކަން ހަމަޖެހިފައިވާއިރު މި ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ފިލްމުގެ ދައްކާނީ އެންމެ އަށް ޝޯއެވެ.

ހަދީޖާގެ އަށް ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ ފުރަތަމަ ތިން ދުވަހުއެވެ. އެއީ، މިފަހަރު އޮލިމްޕަސް ބިޒީ ކަމުންނެވެ. މި އަހަރަކީ އޮލިމްޕަހުގައި ތަފާތު ގިނަ ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާ އަހަރެކެވެ. އެގޮތުން މި މަހުގެ ޝޯތަކަށް ފަހު އަންނަ މަހު މާޗު ހަތަރެއްގައި ޑާކްރެއިންގެ "ފުރޭތަ" ދައްކަން ފަށާނެއެވެ.

އެއަށް ފަހު ވެސް އިތުރު ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާތީ އޮލިމްޕަސް އޮތީ އެއްކޮށް ބިޒީކޮށެވެ.

comment ކޮމެންޓް