ބިންވެރިޔާ ސްކީމުގެ ދަށުން 8،000 މީހުންނަށް ގޯތި ރަޖިސްޓްރީ ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން: ގޯތީގެ ރަޖިސްޓަރީ ދިނުން ހުއްޓިފައި އޮތުމަށް ފަހު މި ސަރުކާރުން ވަނީ އިއްޔެ އެ މަސައްކަތް އަލުން ފަށައިފައި -- ސަން ފޮޓޯ/ މާހިލް އާތިފް

ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މިހާރު 8،000 މީހުންނަށް ގޯތި ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާތަނަށް 8250 މީހުންނަށް އެގްރީމެންޓުގައި ސޮއިކޮށް މިހާރު ރަޖިސްޓަރީ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހުންނަށް ހަވާލުކުރެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އެ މިނިސްޓްރީން ބުނީ ބިން ހަވާލުނުކުރާ 303 މީހަކު އެބަތިބި ކަމަށެވެ. އަދި އެޕްލިކަންޓުން ބިން ދޫކުރަން އެދިފައިވާތީ ސޮއި ނުކުރެވިހުރި 16 މީހަކާއި، އެޕްލިކަންޓު ނިޔާވުމުގެ ސަބަބުން ސޮއިނުކުރެވި 12 މީހަކު އެބަތިބިކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ އިތުރަށް އަދި ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފޯމެއްގައި ސޮއި ނުކުރެވި ހުރި ކަމަށެވެ.

އެއާއެކު މިހާރު 212 އެގްރީމަންޓެއްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް އެ މިނިސްޓްރިން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ބިންތަކުގެ އެގްރީމަންޓުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ކުރެވިފައިނުވާ މީހުންނަށް ގުޅުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ޓަކައި ކައުންސިލްތަކުން ކުރިން ދޫކުރަމުން އައި ގޯތިތަކުގެ ރަޖިސްޓްރީ ސީދާ ޕްލޭނިން މިނިސްޓްރީއަށް ދޫކުރެވޭ ގޮތަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް