''އަހާ'' ފޯރަމްގައި، ރައީސާ ކުރަން ބޭނުންވާ ސުވާލު ފޮނުވަން ހުޅުވާލައިފި

ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ރައީސް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ އަހާ ފޯރަމް މާދަމާ އޮންނާނެ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ސުވާލުކުރުމަށް އާންމު ރައްޔިތުންނަށް ފުރުސަތު ދިނުމަށް ޓަކައި ބާއްވާ ''އަހާ'' ފޯރަމްގެ ދެން އޮންނަ ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ރައީސް ބައިވެރިވެވަޑައިގަންނަވާ ފޯރަމް އޮންނާނީ މާދަމާ ރޭ 8:45 ގައި ކަމަށެވެ.

އެ ފޯރަމްގައި ރައީސާ ކުރާނެ ސުވާލު ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް، އޭއެޗް ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކުރުމަށް ފަހު ސުވާލު ލިޔެ، 300އަށް ފޮނުވައިގެންނެވެ.

މި ސަރުކާރުން 'އަހާ' ފޯރަމް ފަށައި އެފަދަ ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ މަހުގެ 25ގައެވެ.

އެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ރައީސް ވަނީ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުސަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެސް އެގޮތަށް ކޮންމެ ތިން މަހަކުން އެއްފަހަރު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން ރައީސް ވައުދުވެވަޑައިގެންފައިވެއެވެ.

comment ކޮމެންޓް