ލޯންޗު އެކްސިޑެންޓު: 13 މީހަކަށް އަނިޔާވި، ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް

ވިލިމާލެ ކައިރިން ލޯންޗު އެކްސިޑެންޓުވި ހާދިސާގައި އަނިޔާވި މީހެއް: އެ ހާދިސާގައި ދެ ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިމާލެ ކައިރީގައި މިރޭ ދެ ލޯންޗު އެކްސިޑެންޓުވި ހާދިސާގައި އަނިޔާވި މީހުންގެ އަދަދު 13އަށް އަރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ފުރަތަމަ ހިއްސާކުރި މެސެޖުގައިވާ ގޮތުން ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ހިނގި އެ ހާދިސާއާ ގުޅިގެން ދެ މީހަކު ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އެއީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

ފުލުހުން ފަހުން ހިއްސާކުރި އިތުރު މައުލޫމާތުގައިވާ ގޮތުން އެ ހާދިސާގައި އަނިޔާވި 13 މީހަކު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި އެފްކޮންސްގެ 10 މީހުންނާއި އަނަންތާރާ 3 ލޯންޗުގެ ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 19:48ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް