ވާހަކަ ދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފި

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ގައުމީ މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތް ބެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ، ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބައެވެ.

ވާހަކަ ދެއްކުމުގަ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވާހަކަދެއްކުމުގެ ހަވަނަ ޤައުމީ މުބާރާތުން އަމިއްލަ ބައިން ފަޚުރުވެރި އެއްވަނަ ހޯއްދެވި ހަސަން ޝާކިރު މުހައްމަދެވެ.

ޝަރަފުވެރި މެހުމާނުގެ އިތުރުން މި ޖަލްސާގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ އަޝްރަފް ޢަބްދުއްރަޙީމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އާދަމް ޒާހިރު ވެސް ވަނީ ބައިވެރި ވެވަަޑައިގެންފައެވެ.

މި ޖަލްސާގެ ޝަރަފުވެރި މެހުމާނު ޝާކިރަކީ ސްކޫލު ދައުރުން ފެށިގެން ވަހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ވިދަމުން އައި ތަރިއެކެވެ. އޭނާ ވަނީ އޭނާ ބައިވެރިވީ ފުރަތަމަ ވާހަކަ ދެއްކުމުގެ މުބާރާތުން ވެސް އެއްވަނަ ހޯދައިފައެވެ.

އޭނާ އަކީ 1990 ވަނަ އަހަރުން ފެށިގެން އެ ދާއިރާގެ އެކި ފަންނުތަކަށް ދީލަތި އެހީ ވެސް ވަމުން އަންނަ ބޭފުޅެކެވެ.

އޭނާ ވަނީ ވާހަކަދެއްކުމުގެ ދާއިރާއިން ވެސް އެތައް ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެގޮތުން ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސްތަކުގައި ކިޔަވައިދެއްވާ، ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތްތަކުގައި އޭނާ ވަނީ އެތައް އަހަރަކު ފަނޑިޔާރުކަން ކޮށްދެއްވައިފައެވެ.

ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

މީގެ އިތުރުން، އަދަބިއްޔާތުގެ ހުރިހާ ދާއިރައެއްގައި ވެސް އޭނާ އަކީ ފުންނާބު އުސް ބޭފުޅެކެވެ. އެގޮތުން އޭނާ އަކީ ކުޅަދާނަ ޅެންވެރިއެއް ކަމަށާއި މޮޅު ލިޔުންތެރިއެއް އަދި ބައެއް ނޫސްތަކުގައި އެޑިޓަރުކަން ވެސް ކުރެއްވި ބޭފުޅެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ މައުލޫމާތު ދީފައެވެ.

ވާހަކަ ދެއްކުމުގެ މުބާރާތް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ވާހަކަ ދެއްކުމުގައި ކުރިއާއި މިހާރާ ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރައްވައިފައެވެ.

"އަޅުގަނޑުމެން މުބާރާތްތަކުގައި ބައިވެރިވީ ދުވަސްވަރާއި ތިޔަކުދިން މިހާރު މުބާރާތްތަކުގައި ބައިވެރިވަމުންދާ ދުވަސްވަރާ އުޑާއި ބިމާހާ ތަފާތު. އޭރު މައުލޫމާތުގެ ދޮރުތައް ވަރަށް ހަނި. މައުލޫމާތު ހޯދަން ދާނެ ދިމާތައް ވަރަށް މަދު. ހުރިހާ ދޮރުތަކެއް ހުރީ ކިރިޔަކިރިޔާ ހުޅުވިފައި. ދޮރުން ވަދެވޭ ވަރެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ މި ޒަމާނުގެ ކުދިންނަށް މައުލޫމާތުގެ ދޮރު އޮތީ ތަންމިނަށް ހުޅުވިފައި ކަމަށެވެ. އެގޮތުން ބޭނުން ދިމާއަކުން ބޭނުން މައުލުމާތެއް މިހާރު ލިބޭކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި، މި ދާއިރާއިން ތައުލީމު ހާސިލު ކޮށްފައިވާ ބޭފުޅުންގެ އަދަދު ގިނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހި ބަހާއި ސަގާފަތާ ބެހޭ ވަޒީރު ވިދާޅުވެފައިވާހެން 'ގޫގުލް ކަލޭފަނަށް' ދަންނަވާލީމާ ވަރަށް ގިނަ މައުލުމާތު މިހާރު ލިބޭނެ ކަމަށެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ދެ ބަޔަކަށް ބެހިފައިވާއިރު، ބަހުސްކުރުމުގެ ބައިގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން މި ބައިގައި އޮފީސް، ކުންފުނި، ކުލަބު، ޖަމިއްޔާ ޖަމާއަތްތައް، ޔުނިވަސިޓީ، ކޮލެޖު، އިންސްޓިޓިއުޓް، އެކެޑަމީ އަދި އަމިއްލަ ޓީމުތަކަށް ބައިވެރިވެވޭނެ ކަމަށް މީގެ ކުރިން ބަހުގެ އެކަޑަމީން ވަނީ ބުނެފައެވެ.

comment ކޮމެންޓް