އާޒިމާ 4 މިލިއަން ދައްކަން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފި

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު: އޭނާގެ މައްޗަށް ކުރި ހުކުމަށް އަމަލުކުރަން ފަސްކުރުމުގެ އަމުރެއް ސިވިލް ކޯޓުން ވަނީ ނެރެދީފައި -- ސަން ފޮޓޯ

ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ފައިސާ ދައްކަމުން ނުދާތީ، އެ ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރަން އެ ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

އިސްލާމިކް ބޭންކުން ނެގި ލޯނަށް ފައިސާ ނުދައްކާ މައްސަލައިގައި އެ ބޭންކަށް 4.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމް ކުރީ އާޒިމާގެ ޣައިރު ހާޒިރުގައެވެ. އެ ހުކުމް މުރާޖާ ކޮށްދޭން އޭނާގެ ފަރާތުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ނިމެންދެން ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން އެދުމުން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ އެ ހުކުމް މުރާޖާ ކުރުމާ މެދު ގޮތެއް ނިމެންދެން އެ ހުކުމަށް އަމަލުކުރުން ފަސްކުރަން އަންގައިފައެވެ.

އާޒިމާގެ މައްޗަށް މިދިޔަ މަހު ދޭއްގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ހުކުމްގައިވަނީ އާޒިމާގެ ނަމުގައި ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނުކޮށްފައި އޮތްކަން ހާމަވާ ކަމަށާއި، އެ ރަހުނަށް އޭނާ 3.18 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ އަދައިކުރަމުން ނުދާކަމަށް އެ ހުކުމުގައި ވެއެވެ.

އެހެންވެ، ކޯޓުން ހުކުމްކޮށްފައިވަނީ، މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ފެސިލިޓީގެ ބާކީ ހުރި 4.03 މިލިއަން ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާއާއެކު ޖުމްލަ 4.15 މިލިއަން ރުފިޔާ އާއި މަހުން މަހަށް އަރާ ކުލީގެ ފައިސާ، އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ދައްކައި ހަލާސްކުރުމަށެވެ.

އާޒިމާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ލޯނު ނުދެއްކުނީ މިދިޔަ ސަރުކާރުން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކާ ގުޅިގެން އަދާ ކުރަމުންދިޔަ ގާނޫނީ ވަކީލުކަމުގެ މަސައްކަތަށް ހުރަސް އެޅުމުންނެވެ.

comment ކޮމެންޓް