އޭނާ އަކީ ބާރުގަދަ ތޫފާނަކާވެސް ކެރިގެން ކުރިމަތިލާން ކެރޭ ކުޅުންތެރިއެއް ކަމަށް, އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކުރި އިޓަލީވިލާތުގެ ޔާނިކް ސިނާ ބުނެފިއެވެ.
ސިނާ އެފަދައިން ބުނީ، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް މެޗު ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
އުމުރުން 22 އަހަރުގެ ސިނާވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭން ސްލޭމް ފައިނަލްގައި މިމުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވި ރަޝިއާގެ ޑަނީލް މެޑްވެޑޭވް، ފުރަތަމަ ދެސެޓް ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރައި މިމެޗު ތިން ސެޓް ދެ ސެޓުން ކާމިޔާބު ކޮށްފައެވެ.
އޭނާ ބުނި ގޮތުގައި މިކާމިޔާބީ އޭނާއަށް ލިބުނީ ޕްރެޝަރު ބޮޑުވި ވަގުތު އިތުރަށް ހާސްވެ އިތުރު ޕްރެޝަރު ބޮލުގައި އެޅުމުގެ ބަދަލުގައި އެކަމާ މަޑުމައިތިރި ކަމާއެކު ކެރިގެން ކުރިމަތިލުމުންނެވެ. ސިނާ ހާމަކުރިގޮތުގައި އޭނާއަށް މިކަން މިގޮތަށް ކުރެވިފައިވަނީ އޭނާއަށް ޓެނިސް ކުޅުމުގެ ތެރޭގައި ބޮޑުވާން ޖެހުނުލެއް އަވަސް ކަމުންކަމަށެވެ.
އެއް އިރެއްގައި އިޓަލީވިލާތުގެ އަރަމުން އައި ޒުވާން ސްކީ ދުއްވުންތެރިއެއް ކަމަށްވާ ސިނާ ހަމައެކަނި ޓެނިހަށް އިސްކަންދީ ކެރިއާއެއް ބިނާކުރުމަށް ކުރި މަސައްކަތުގެ ދަށުން އާއިލާއާ ދުރަށް އުމުރުން 14 އަހަރުގައި ދާން ޖެހުނެވެ. މިގޮތުން މިއުމުރުގައި އާއިލާއާ ދުރުގައި ތަމްރީން ކުރަމުންދިޔައިރު ކެއްކުމާއި ދޮވެ އިސްތިރި ކުރުންފަދަ ކަންތައްތައްވެސް ކުރަންޖެހުނީ އަމިއްލައަށް ކަމުން އޭނާއަށް ކުރިން ހީކުރެވިފައިވި ވަރަށް ވުރެ އަވަހަށް ބޮޑުވާން މަޖުބޫރުވި ކަމަށް ސިނާ ބުންޏެވެ. އަދި އެދުވަހު ނިންމި އުނދަގޫ ނިންމުމުގެ ނަތީޖާ ވަރަށް ފޮނި ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އުމުރުން 17 އަހަރުގައި ޗެލެންޖާސް ޓުއާ ކާމިޔާބުކޮށް ފުރަތަމަ ތަށި އުފުލާލި ސިނާ މިހާތަނަށް އޭޓީޕީ 10 މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ. ނަމަވެސް ސިނާ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ 2022 ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ކްއާޓާ ފައިނަލްގައި ސާބިއާގެ ނޯވަކް ޖޯކޮވިޗްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގެ ފުރަތަމަ ދެސެޓް ސިނާ ކާމިޔާބު ކުރުމާއެކު ގިނަ ބަޔަކަށް ހައިރާން ކަން ލިބުނެވެ.
އެމެޗު އެންމެ ފަހުން ތިން ސެޓް ދެ ސެޓުން ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް އެއީ ޖޯކޮވިޗް ފަދަ ޓެނިހުގެ ދުނިޔޭގައި އެންމެ މަޤްބޫލް އަދި ތަޖުރިބާކަރު ކުޅުންތެރިން ސިއްސުވާލާނެ އިތުރު ނަމެއް ފާޅުވި މެޗެކެވެ. އަދި އެކަން ސިނާވަނީ މިފަހަރުގެ މުބާރާތުގެ ސެމީފައިނަލްގައި ވަރަށް ފުރިހަމައަށް ދައްކުވާދީފައެވެ.
ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ އިތުރުން އޮސްޓްރޭލިއަން އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ޖޯކޮވިޗްއަށް އެންމެ ބްރޭކް ޕޮއިންޓެއް ނުދީ ސިނާވަނީ ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. ސިނާ ހާމަކުރިގޮތުގައި އޭނާއަށް އަދިވެސް މިއީ ހަގީގަތެއްކަން ގަބޫލްކުރަން ދަތިވެއެވެ. އެގޮތުން ހުރިހާ ކަމެއްވެސް ވަނީ ވަރަށް އަވަހަށް ކަމަށް އިހުސާސުވާ ކަމަށް އޭނާ ބުންނެވެ.
ސިނާ ވެފައިވަނީ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރި އިޓަލީގެ ދެވަނަ ކުޅުންތެރިޔާއަށެވެ. ފުރަތަމަ ކުޅުންތެރިޔަކީ 1976 ވަނަ އަހަރުގެ ފްރެންޗް އޯޕަން ނުވަތަ ރޯލަންޑް ގަރޯސް ކާމިޔާބުކުރި އެޑްރިއާނޯ ޕަނާޓާއެވެ. ނަމަވެސް މިދިޔަ ސީޒަން ނިމުމުން، މިސީޒަންގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދާނެ އެއް ކުޅުންތެރިޔަކަށް އޭނާ ވުން ގާތް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
މިގޮތުން އޭޓީޕީ ފައިނަލްސްގެ ގްރޫޕް ސްޓޭޖްގައި ޖޯކޮވިޗް ބަލިކުރުމުގެ އިތުރުން އެމުބާރަތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރުމުގެ އިތުރުން ޑޭވިސް ކަޕްގެ ފައިނަލްގައި ސާބިއާއާ ބައްދަލުކޮށް އިޓަލީވިލާތް މުބާރާތް ކާމިޔާބު ކުރިއިރު ސިނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެމުބާރާތުގެ ފައިނަލްގައި ސިނާ ވަނީ ޖޯކޮވިޗް ބަލިކޮށްފައެވެ.