ފަސް ރަށެއްގައި މި އަހަރު ބެޓެރިން ކަރަންޓުދޭން ފަށަނީ

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯ އިން ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިތާ 74 ފުރުން ފާހަގަކުރަން ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާ އެކު ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން، މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ގްރޭޓާ މާލެ ސަރަޙައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުން ވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން ފަހުމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރާކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް