މެސީ، އޮލިމްޕިކްސްގައި ވާދަކުރަން ބޭނުންވޭ!

އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

އާޖެންޓީނާގެ ޒުވާން ގައުމީ ޓީމާ އެކު މި އަހަރުގެ އޮލިމްޕިކް ގޭމްސްގައި ވާދަކުރުމަށް އެ ގައުމުގެ ތަރި ލިއޮނެލް މެސީ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގައި ބާއްވާ ކޮޕާ އެމެރިކާއަށް ފަހު، ފްރާންސްގެ ޕެރިސްގައި ބާއްވާ އޮލިމްޕިކްސް ގޭމްސްއަށް ތައްޔާރުވާން މެސީ ބޭނުންވެއެވެ. އޭނާއާއެކު އާޖެންޓީނާ ފޯވަޑް އެންޖެލް ޑި މަރީއާ ވެސް އޮލިމްޕިކް ގޭމްސްގައި އާޖެންޓީނާ ޓީމުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އޭގެ ކުރިން އާޖެންޓީނާގެ ޓީމުން އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވާން ޖެހޭނެއެވެ.

އޮލިމްޕިކްސްގެ ކުރިން 23 އަހަރުން ދަށުގެ ކުޅުންތެރިންގެ އިތުރުން 20 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭ އާޖެންޓީނާގެ ޓީމުން ތައްޔާރުވުމަށް އަންނަ މާޗު މަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކުރާނެއެވެ. އެ ދަތުރުގެ ތެރެއިން އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މެސީ އަދި ޑި މަރީއާއަކީ އާޖެންޓީނާއަށް 2008ގެ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ އިތުރުން މިހާރު 23 އަހަރުން ދަށުގެ އާޖެންޓީނާ ގައުމީ ޓީމަށް އިރުޝާދުދެމުންދާ ހާވިއާ މަޝެރާނޯއާއި ހުއާން ރިކޭލްމޭ، އެވާ ބަނޭގާ، ސާޖިއޯ އަގުއޭރޯ އަދި ޕަބްލޯ ޒަބަލޭޓާ ފަދަ ތަރިން އެ ޓީމުގައި ހިމެނުނެވެ. މެސީއަށް މި އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދިއްޖެ ނަމަ، އޭނާ ވެގެންދާނީ އޮލިމްޕިކްސްގެ ދެ ރަން މެޑަލް އަދި ވޯލްޑް ކަޕެއް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އޮލިމްޕިކް ގޭމްސްގައި މެސީ ވާދަކުރި ނަމަވެސް، އޭނާއަށް އިންޓަ މާޔާމީއާ އެކު ގެއްލޭނީ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ އެންމެ މެޗެކެވެ. އެއީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ޗިކާގޯ ފަޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

comment ކޮމެންޓް