ފާހާނައަށް ވިހާފައި ކުއްޖާ އެއްލައިލި މަންމައަށް ދައުވާކޮށްފި

އދ. ދިގުރަށް: އެ ރަށު ކުނި ގޮނޑުން ވަނީ ލައްކާ މީހަކު ވިހާފައި އެއްލައިލާފައި އޮތް ކުއްޖަކު ފެނިފައި --

އދ. ދިގުރަށުގައި މަރުވެފައި އޮށްވައި ކުނި ގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާގެ މައްޗަށް ތިން ދައުވާއެއް އިއްޔެ އުފުލައިފިއެވެ.

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. މަރުވެފައިވާ އެ ކުއްޖާ ފެނުނީ ކުނިގޮނޑުންނެވެ. އެ މައްސަލައިގައި ތުހުމަތުވާ އަންހެން މީހާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ތިން ދައުވާއެއް ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ،

  • އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ
  • އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ

ޕީޖީ އޮފީހުން ތުހުމަތުކުރާ ގޮތުގައި ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެއިނީއްސުރެ، ކުއްޖާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވެއެވެ. އޭނާ އުޅުނީ ބަލިވެ އިންކަން ވެސް ސިއްރުކޮށްގެންނެވެ.

އެ އޮފީހުން ދައުވާކުރާ ގޮތުގައި އެ މީހާ ވަނީ މިދިޔަ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 22:00 އާއި އެ މަހުގެ ތިންވަނަ ދުވަހުގެ 5:00 އާ ދެމެދުގެ ވަގުތެއްގައި އެ ކުއްޖާ ވިހައިފައެވެ. ވިހެއީ، އެ ފާހާނާ ތައްޓެއް ތެރެއަށް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ ކުއްޖާ ފާހާނާ ތަށި ތެރެއިން ނެގުމަށް ފަހު, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އެ ދުވަހުގެ 05:31 އެހައިކަށްހައިއިރު، މި ކޮތަޅު އެ ރަށު ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް އެއްލާލައިލީ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ތުއްތު ކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓްހައުސްތަކުން ނެގި ކުނީގެ ތެރެއިން ކަމަށެވެ.

އުސްމާނު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ ކުނި ނެގުމަށްފަހު ސެންޓަރަށް ގެންގޮސް ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނެގުމުގެ ތެރެއިންނެވެ.

comment ކޮމެންޓް