ވީއައިއޭގެ ޗެކްއިންއަށް ދިމާވި މައްސަލަ ހައްލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ވީއައިއޭގެ ދަތުރުތަކުގެ ޗެކްއިންއަށް ކުރިމަތިވި ދަތިތައް މިހާރު ވަނީ ހައްލުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބައިނަލްއަޤުވާމި އަދި އެތެރޭގެ ފުލައިޓް ޗެކްއިން ކުރުމަށް ކުރިމަތިވެފައިވާ ދަތިތަކަށް މިހާރު ހައްލު ލިބިފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފިއެވެ.

މިއަދު ހެނދުނު އެ އެއާޕޯޓުގެ ފްލައިޓް ޗެކިން ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އެއާޕޯޓުން އެކްސް މެދުވެރިކޮށް ފަސިންޖަރުނަށް ވަނީ އަންގައިފައެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ބައިނަލްއަޤުވާމީ އަދި އެތެރޭގެ ފްލައިޓްތައް ޗެކްއިން ކުރުމުގައި ބައެއް ލަސްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެއީ، ޓެކްނިކަލް މައްސަލަތަކަކާ ހުރެ ދިމާވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އެހެންވެ، މިހާރު ކުރިއެކޭ ވެސް އެއްފަދައިން އެއާޕޯޓުން ޗެކްއިން ވެވޭނެއެވެ.

ފުރަތަމަ ޓާމުގެ ބަންދާ އެކު، ރާއްޖޭގެ އެކި ރަށްރަށަށާއި ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރާ އަދަދު އިތުރުވެފައިވާއިރު މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ވެސް މެއެވެ.

comment ކޮމެންޓް