އެހީ ދިނުމާ ބެހޭ ބައްދަލުވުމުގައި އިސްރާއީލުން ބައިވެރިނުވި

އިސްރާއީލްގެ ރައީސް ބެންޖަމިން ނަތަންޔާހޫ އާއި ފަރަންސޭސިވިލާތުގެ ރައީސް އިމާއެލް މެކްރޮން ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

ފަރަންސޭސިވިލާތުގެ ރައީސް އިމާއެލް މެކްރޮން އިންތިޒާމު ކުރައްވައި ޕެރިހުގައި އިއްޔެ ބޭއްވި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވާން އިސްރާއީލުން ދެކޮޅުހަދައިފިއެވެ.

ބައްދަލުވުމުގައި ބައިވެރިނުވި ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މެކްރޮންގެ އޮފީހުން ބުނެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީއާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ވެސް މެކްރޮން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެހީ ފޯރުކޮށްދިނުން އިތުރުކުރުމުގެ މަސައްކަތްތަކުގައި އެ ދެ ގައުމު ވެސް ބައިވެރިވެއެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ، ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގެ ރައްދުގައި ކަމަށް ބުނެ އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 10،569 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 4،324 ކުޑަކުދިންނާއި 2،823 އަންހެނުން ހިމެނެއެވެ. 26،475 މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ އާންމުން ވަނީ ޣައްޒާ ތެރޭގައި ބަންދުވެ، ފެނާ ކަރަންޓާއި ކާނާއަށް ވެސް ޖެހިފައެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދިރިއުޅޭއިރު ތޮއްޖެހުމާއި، ސާފުތާހިރުވާނެ ފެން ވެސް ނުލިބުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއްޔެ ދީފައެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޓްރަކްތައް ކުރިމަތީ ވޮލަންޓިޔަރުން މަޑުކޮށްގެން -- ފޮޓޯ/ ޓައިމްސް އޮފް އިސްރާއީލް

ޑަބްލިޔުއެޗްއޯއިން ފާހަގަކުރި ގޮތުގައި ތެލާއި ފެން އަދި ކާނާއާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ފަދަ އަސާސީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ޣައްޒާއަށް އަދިވެސް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އަދި، މި ތަކެތި މެދުނުކެނޑި ލިބޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ސީއްހީ ފަރުވާ ހިމެނޭ ގޮތަށް އާންމުންނާއި އާންމު ތަންތަން ހިމާޔަތްކުރުމަކީ ހަމަނުޖެހުންތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

comment ކޮމެންޓް