ފަލަސްތީނަށްޓަކައި ދިވެހި ފަންނާނުންގެ ގިނަ ހަރަކާތްތަކެއް

އޮލިމްޕަސް ހުޅުވުމަށް ބޭއްވި އިވެންޓުގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފަންނާނުން --- ފޮޓޯ : މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފަންނާނުން ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވައިފިއެވެ.

ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުން މިހާރު ހަރަކާތްތެރިވަމުން އަންނަނީ މި ހަފުތާ ބަންދާ ދިމާކޮށް ފައިސާގެ އެހީ ހޯދުމަށްޓަކައި ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

މި ހުކުރު ދުވަހު ހަރަކާތްތައް ފަށާއިރު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަންޑް ރެއިޒިން އިވެންޓެކެވެ. މި އިވެންޓު ކުރިއަށްދާނީ ފިލްމް ފެސްޓިވަލަށް ޓިކެޓް ވިއްކުމަށެވެ.

އިވެންޓު އިންތިޒާމު ކުރާ ކޮމިޓީގެ ޗެއާ ގޮތުގައި މަސައްކަތް ކުރާ، އެކްޓަރު އަދި ޕްރޮޑިއުސަރު ޔޫސުފް ޝަފީއު (ޔޫއްޕެ) "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހުގެ މެންދުރު ފަހު 1400ގައި އިވެންޓުތައް ފަށާނެއެވެ. އެގޮތުން ފަންޑް ރެއިޒިން އާއި ޓިކެޓް ހޯދުމަށްޓަކައި ފަންނާނުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޔޫއްޕެ މައުލޫމާތު ދެއެވެ.

މި ޓިކެޓަކީ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފިލްމު ފެސްޓިވަލަށް ވިއްކާ ޓިކެޓްތަކެކެވެ. މި ފެސްޓިވަލް ކުރިއަށްދާނީ 1400 އާއި 2000 އާއި 2300 ގައެވެ.

"ފެސްޓިވަލުގައި ޖުމްލަ ނުވަ ފިލްމެއް އެޅުވުމަށް ވަނީ ހަމަޖެހިފައި. އެގޮތުން ފިލްމުތަކުގެ އަގަކީ 100 ރުފިޔާ. ނަމަވެސް އެއަށްވުރެ ގިނައިން ހަދިޔާ ކުރަން ބޭނުންވާ ނަމަ އެކަން ވެސް ކުރެވޭނެ،" ޔޫއްޕެ ފާހަގަކުރިއެވެ.

މި ފެސްޓިވަލަށް ޓިކެޓު ވިއްކާއިރު ފަންނާނުން އަންނާނީ މުޅި މާލެ ސަރަހައްދުގައި ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިހާރަތަކުންނާއި ކެފޭ އަދި ގެތަކުން ވެސް މަސައްކަތް ހޯދައިގެން ފަންޑް ރެއިޒް ކުރުމުގެ މަސައްކަތް ފަންނާނުން ކުރާނެއެވެ.

މި އިވެންޓުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ އިވެންޓު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް އައްޒަ ކިޔައިދިން ގޮތުގައި އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮތީ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައެވެ. ނަމަވެސް އިވެންޓު ބާއްވަން ހަމަޖެހިފައިވާ ތަނުގެ ހުއްދަ ލިބިފައިނުވާތީ އިވެންޓު މި ވަގުތަށް ފަސްކުރެވިފައިވާ ވާހަކަ އައްޒަ ބުންޏެވެ.

އެހެން ނަމަވެސް މި އިވެންޓު ވެސް ބާއްވާނެ ކަމުގެ ޔަގީންކަން އައްޒަ ވަނީ ދީފައެވެ.

އެންމެ ފަހުގެ އިވެންޓުތައް ކުރިއަށް ގެންދާނީ ނޮވެމްބަރު ތިނެއްގައެވެ. ނޮވެމްބަރު ތިނެއްގައި ކުރިއަށް ގެންދާނީ އާންމުން ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ހާއްސަ މަސް ރޭހެކެވެ. ތަރީންނާއި އާންމުން ބައިވެރިވާ މި މަސްރޭހަށް ރެޖިސްޓާ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ރޭހުގައި ބައިވެރިވާން ގުޅާނީ 7978825 އަށެވެ. މަސް ރޭހުން ބާނާ މަސްތައް ވިއްކުމުގައި ވެސް ތަރީން ބައިވެރިވާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލޭގައެވެ.

ގާތްގަޑަކަށް 100 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވާ މި ބޮޑު އިވެންޓުގެ ތެރެއިން ހާއްސަ ޓީޝާޓުތަކެއް ވިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ޓީޝާޓުތަކުގެ ކުޑަކުދިންނަށް ހާއްސަ ސައިޒުތައް ވިއްކާނީ 235 ރުފިޔާއަށެވެ. އަދި ބޮޑެތި މީހުންގެ އަތްކުރު ޓީޝާޓުތައް 245 ރުފިޔާއަށް ވިއްކާއިރު އަތްދިގު ޓީޝާޓުތައް ވިއްކާނީ 260 ރުފިޔާއަށެވެ. މި ޓީޝާޓުތައް ވީހާ ވެސް ގިނަ ބަޔަކު ގަތުމަށް އިވެންޓު އިންތިޒާމް ކުރާ ފަރާތްތަކުން އެދެއެވެ.

comment ކޮމެންޓް