ޕްރޮޖެކްޓްތަކަށް ފައިސާ ނުލިބުން: ފިނޭންސް މިނިސްޓްރީގެ ބަހެއް ނެތް

ކޮންސްޓްރަކްޝަންގައި ހަރަކާތްތެރިވާ ދެ މުވައްޒަފުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބި، ދިގުލައިގެންދިޔުމުގެ ސަބަބުން ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވީނަމަވެސް، މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ޖަވާބެއް ނުދިނެވެ.

ކުންފުނިތަކުގެ ކަންބޮޑުވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް މީގެ ދެ ދުވަހެއް ކުރިން ފެށިގެން "ސަން" އިން މަސައްކަތް ކުރީމެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫނަށް ގުޅައި މެސެޖް ކުރުމުން އެކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ.

https://sun.mv/182918

މި މައްސަލަ އާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ގައުމީ ޖަމިއްޔާ (އެމްއެންއޭސީއައި) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ނުލިބުމުން މަޝްރޫއުތަކުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރަންޖެހި، މުވައްޒަފުންގެ މުސާރައާއި، ކެއުމާއި، އެހެނިހެން ޚަރަދުތައް އަދި ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ދަތިވާކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ މިކަން ހައްލުކުރުމަށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ޕްރޮޖެކްޓުތައް ހިންގާ މިނިސްޓްރީތައް، އަދި ސިވިލް ސާވިސް ކޮމިޝަންގެ ވެރިންނާ ބައްދަލުކޮށް، ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވަ ތާރީޚަށް ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް، އަދިވެސް މިކަމަށް ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ.

މީގެކުރިން ވެސް ފައިސާ ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ކޮންޓްރެކްޓަރުންގެ މަގުމައްޗަށް ނުކުމެ، އަޑު އުފުލާ ވެސް ހަދައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުގެ ޖުމްލަ އަކީ 8.5 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް