މި ދަނީ ގަދަ ހިފުމަކަށް، މި ގަދަ ހިފުން ކާމިޔާބު ކުރާނީ މުއިއްޒު ބޮޑުތަނުން ބަލިކޮށްފައި: މައުރޫފް

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް މިރޭ ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ފުރަތަމަ ބުރު ނިންމާލާފައި މިހާރު މިދަނީ ގަދަ ހިފުމަކަށް ކަމަށާއި މި ގަދަ ހިފުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، ކާމިޔާބު ކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ބޮޑުތަނުން ބަލިކޮށްފައި ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޞާލިޙުގެ ކެންޕޭން ޓީމުތަކާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ ކެމްޕޭން ޖަގަހައިގައި މިރޭ ބޭއްވި އިވެންޓެއްގައެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިން ޕާޓީ ކަމަށެވެ. އަދި އެމްޑީޕީއަކީ އަމާންކަމާއި ސުލްހަވެރިކަމަށް ލޯބި ކުރާ ޕާޓީ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ މުސްތަގުބަލުގައި ވެސް ރާއްޖެ އުފާވެރިކަންމަތީގައި ބާއްވާނެ ޕާޓީކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ އެހެންކަމުން އެންމެން އެއް ރޫހެއްގައި ގައުމަށް ޓަކައި ނިކުމެއްޖެއްޔާ ދެވަނަ ބުރު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

"ރައީސް ވިދާޅުވި ފަދައިން ފުރަތަމަ ހާފް އަޅުގަނޑުމެން ނިންމާފައި މިހާރު މި ދަނީ ގަދަ ހިފުމަކަށް. މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބު ކުރާނީ މި ގަދަ ހިފުމުގައި ޑރ. މުއިއްޒު ބޮޑުތަނުން ބަލިކޮށްފަ. އެއީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އޭނާއަށް މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ އެމްޑީޕީ އެކަތިގަނޑަކަށްވެ، އެ ޕާޓީގެ އަސްލު ފަހުލަވާނުން ރައީސް ޞާލިޙާއެކު ތިބިތަން ފެނުން ކަަމަށެވެ. މި ހާލަތުގައި އޭނާގެ އިލްތިމާސަކީ އެމްޑީޕީގެ އަސްލަށް ރުޖޫއަވެ، މި ގައުމު ސަލާމަތް ކުރުމަށް ކޯލިޝަނާ ގުޅިގެން ނިކުތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޚާއްސަކޮށް ރައީސް ނަޝީދަށް ވެސް އަދި ރައީސް ނާޝީދާ އެކީގައި ތިބި އެމްޕީންނަށް ވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުންނަށް ސަލާމަތްތެރި މަގަކަށް އޮތީ މި މަގޭ އަވަހަށް ވަޑައިގަންވާށޭ،" މައުރޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބަލިވާން މެދުވެރިވި ސަބަބު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެހެން އެ ދިމާވީ ރައީސް ޞާލިޙަށް ވޯޓު ލާން ތިބި މީހުން މަދުވެގެން ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ދޫކޮށްލެވިފައި ވަނީ ކޮންކޮން ކަންތައް ތަކެއްތޯ ބަލައި އެކަން ދިރާސާ ކުރުމަށް ފަހު މުޅި ޓީމް އަލުން އަތުރާލައިގެން ދެވަނަ ބުރަށް ނިކުންނަނީ ގަދަކޮށް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"އެމްޑީއޭ، އެމްޑީޕީ އަދި އަދާލަތު ޕާޓީ އެކީގައި އިހުނަށް ވުރެ ގަދަކޮށް އަޅުގަނޑުމެން ޖައްސާނަން. ކުރިއަށް މި އޮތް ދުވަސްތަކުގައި މާތްﷲ އިރާދަ ކުރެއްވިއްޔާ ގެއަށް ވަންނާނީ މި އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު،" މައުރޫފް ވިދާޅުވިއެވެ.

comment ކޮމެންޓް