އަލްހާން ފަހުމީގެ ޕާސްޕޯޓު ހިފަހައްޓައިފި

އަލްހާން ފަހުމީ --- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

ކޯޓު އަމުރެއްގެ ދަށުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ޕާސްޕޯޓު ހިފަަހައްޓައިފިއެވެ.

އަލްހާންގެ ކުންފުނި، 'ކިންގް ކެޕިޓަލް ހޯލްޑިންގްސް' އިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް އޭނާގެ މައްޗަށް ތުހުމަތުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ނަގައި މަނީލޯޑާ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ފުުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައި ވާ ކަަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާންނެގުމަށް އޭނާ މީގެ ކުރިން ފުލުހަށް ހާޒިރު ކޮށްފައިވެއެވެ.

އަދި ކޯޓު އަމުރަކާއެކު ފުލުހުން އަލްހާންގެ އޮފީސް، 'ކިންގް ކެޕިޓަލް ހޯލްޑިންގްސް' އަށް ވަދެ، މީގެކުރިން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އަލްހާން ވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައެވެ.

comment ކޮމެންޓް