އިޤްތިސާދު ކުރިއެރުވުމުގައި އަމިއްލަ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު: ނައިބުރައީސް

އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ " ގޯލްޑް 100 ގާލާ" ޙަފްލާގައި ނައިބުރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ އަހުމަދު ސަދޫފް މޫސާ

އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދު ވެސް ދެއްވަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެގޮތަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ " ގޯލްޑް 100 ގާލާ" ޙަފްލާގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު ސަދޫފް މޫސާ

ނައިބުރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ. މިގޮތުން ޤައުމީ ތަރައްޤީއާއި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

"ހަލުވިކަމާއި އެކު ބަދަލުވަމުން އަންނަ ދުނިޔެއެއްގައި، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި، އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ، އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ. އަދި އިތުރު ކާމިޔާބީތައް ހޯދުމަށް، ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދެއްވުމަށް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްވެރިންނަށް އަޅުގަނޑު ގޮވާލަން" ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ " ގޯލްޑް 100 ގާލާ" ޙަފްލާގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު ސަދޫފް މޫސާ

ޤައުމެއް ކުރިއަރާދިއުމުގައި އަމިއްލަ ފަރުދުންގެ ބައިވެރިވުމާއި ކުންފުނިތަކުގެ ބައިވެރިވުން ނުހަނު ބޮޑުކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ މީގެ އެއް މިސާލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށެވެ.

ކްރޮސްރޯޑުގައި ބޭއްވި މި ހަފްލާގައި ނައިބުރައީސް ވަނީ "ގޯލްޑް 100" މެގަޒިން ނެރެދެއްވާފައެވެ. ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދައިރާގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. މި ރަސްމިއްޔާތުގައި ވަނީ މި 100 ކުންފުންޏަށް އެކަމުގެ އެވޯޑު ހަވާލުކޮށްފައެވެ.

comment ކޮމެންޓް