އެމްޓީސީސީގެ ހިއްސާގެ %5 ވުރެ ގިނައިން އެކަކަށް މިލްކުނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލަން ހުށަހަޅަނީ

އެމްޓީސީސީ ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިއްސާވާ އެމްޓީސީސީގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ)އަށް ވުރެ ގިނައިން އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ވިޔަފާރިއަކަށް މިލްކުނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ ބޯޑުން މިގޮތަށް ނިންމީ، ޕަބްލިކް ކުންފުނިތައް ރެގިއުލޭޓު ކުރާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އިރުޝާދުގެ ދަށުން، ކުންފުންޏާ ބެހޭ ގާނޫނުގައި "އާންމުންނަށް ހިއްސާ ގަނެވިއްކުން"ގެ މާއްދާއާ އެއްގޮތަށް ކުންފުނީގެ ހިންގާ ގަވާއިދު އިސްލާހު ކުރުމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައި ބުނާ ގޮތުން، ކުންފުންޏެއްގެ ހިއްސާ ގަތުމަށް ފަހު އެ ކުންފުނީގެ ހުއްދަ ހޯދުމަކާ ނުލައި އެކަކުގެ ކިބައިން އަނެކަކަށް ހިއްސާ ވިއްކެން ޖެހޭނެއެވެ. އަދި މިގޮތަށް ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ބަދަލުކުރަން އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ.

ނަމަވެސް، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 16 މެއި 2021ގައި އެ ކުންފުނިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރި ހިންގާ ގަވާއިދުގައި ވަނީ "ސީދާ ގޮތުން އަދި ނުސީދާގޮތުން ވިޔަސް، އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ގާނޫނީ ޝަހުސަކަށް، އެންމެ ގިނަވެގެން މިލްކުކުރެވޭނީ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ %5 (ފަހެއް އިންސައްތަ)" ކަމަށެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހިއްސާ މިލްކުކުރުން ލިމިޓުކުރާ މާއްދާއާ އެކީ، އެ މާއްދާގެ ދަށުން އޮންނަ މީހަކު ނުވަތަ ވިޔަފާރިއަކުން ގަނެފައިވާ ހިއްސާއެއް ސަރުކާރު ކުންފުންޏަކުން ނުވަތަ ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން ވިއްކުން މަނާކުރާ މާއްދާ އުވާލަން ހުށަހަޅަން ވެސް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.

ކުންފުނީގެ ބޯޑުން ނިންމާފައިވާ މި އިސްލާހުތައް ފާސްވާނީ މި އަހަރު ބާއްވާ އެމްޓީސީސީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ފާސްކުރުމުންނެވެ.

އެމްޓީސީސީން ބުނަނީ މި އިސްލާހުތައް ފާސްވުމުން، ހިއްސާދާރުންގެ ހިއްސާ ގަނެވިއްކަން ހުރި ހުރަސްތަކާއި އެ ކުންފުނީގެ ހިންގާ ގަވާއިދާއި ކުންފުނިތަކާ ބެހޭ ގާނޫނުގައި ހުރި ފުށުއެރުންތައް ނައްތާލެވޭނެއެވެ.

އެމްޓީސީސީގެ ހިއްސާ ބެހިފައިވާ ގޮތް

  • ދިވެހި ސަރުކާރު – %64.20
  • މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) – %4.65
  • އާންމުން - %31.15
comment ކޮމެންޓް