ސެމީގައި ނޭކުރެންދޫ ކަޓުވާލުމަށްފަހު ކަނޑިތީމު ޒޯން ފައިނަލަށް

ކަނޑިތީމާއި ނޭކުރެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ބުރުގައި ޒޯން އެކެއްގެ ސެމީ ފައިނަލްގައި ހދ. ނޭކުރެންދޫ ބަލިކޮށް ށ. ކަނޑިތީމު ޒޯން ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ކަނޑިތީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ކަނޑިތީމުގެ ދެ ގޯލު ޖެހީ އިބްރާހިމް ނަދާދުއެވެ. އަދި ނޭކުރެންދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު ވިލްފެވެ.

އެ މެޗުން މޮޅުވެ ކަނޑިތީމުން ޒޯނު އެކެއްގެ ފައިނަލްގައި ވާދަކުރަން ޖެހޭނީ ނާވައިދޫއާއެވެ.

ނާވައިދޫ ވަނީ ޒޯން ސެމީގެ ދެވަނަ މެޗުގައި ފޯކައިދޫ 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.

ކަނޑިތީމާއި ނޭކުރެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.

ގްރޫޕް އެކަކުން ސެމީ ފައިނަލަށް ދަތުރުކުރީ ނާވައިދޫއާއި ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭކުން ސެމީއަށް ދަތުރުކުރީ ކަނޑިތީމާއި ފޯކައިދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް