ޗެކްއިން ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުވެ ޓީއެމްއޭގެ އުދުހުންތައް ކުރިއަށް

ޓީއެމްއޭގެ ސީޕްލޭނެއް -- ފޮޓޯ/ ޓީއެމްއޭ

ޓްރާންސް މޯލްޑިވިންއަން އެއާވޭސް (ޓީއެމްއޭ) ގެ ޗެކްއިން ސިސްޓަމްތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލު ކުރެވިފައިވާ ކަމަށާއި، ކުރިއެކޭ އެއްފަދައިން އުދުހުންތައް ކުރިއަށްދާ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

ޓީއެމްއޭގެ ޗެކްއިން ސިސްޓަމްތަކަށް އިއްޔެ މެލްވެއާ އެޓޭކެއް ކުރިމަތިވުމުގެ ސަބަބުން އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ނުފުރި އެތައް އިރަކު އެއާޕޯޓުގައި ތާށިވެފައެވެ.

މެނުއަލްކޮށް ޗެކްއިން ކޮށްގެން ފަތުރުވެރިން ރިސޯޓުތަކަށް ފޮނުވުނު ނަމަވެސް، ފަތުރުވެރިން ރިސޯޓަށް އުފުލުމަށް އިތުރު ގޮތެއް ހޯދުމަށް ޓީއެމްއޭއިން އެކުންފުނީގެ ޕާޓްނާ ރިސޯޓުތަކަށް ވަނީ އަންގާފައެވެ. ޓީއެމްއޭގެ ޑެޕިއުޓީ މެނޭޖަރު، ކޯޕަރޭޓް އެންޑް ބިޒްނަސް ޑިވެލޮޕްމެންޓު އައިޝަތު އަލާ އަބްދުލް ހަންނާނު މިއަދު "ސަން" އަށް ވިދާޅުވީ، އެކުންފުނީގެ ޗެކްއިން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު މުޅިން ހައްލު ކުރެވިފައިވާ ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ މީހުން ރިސޯޓުތަކަށް ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުން ކަމަށް ވީއިރު، ސިސްޓަމްތަކަށް ދިމާވި މައްސަލައިގެ ސަބަބަބުން އިއްޔެ ހެނދުނުން ފެށިގެން އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލް ކުރިމަތިން އޮންނަ ސީޕްލޭން ޗެކްއިން ސަރަހައްދު އޮތީ ބާރު ބޮޑުވެފައެވެ.

އެއާޕޯޓުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ސުވާލުކުރުމުން އަލާ ވިދާޅުވީ، ފަތުރުވެރިން ރިސޯޓުތަކަށް ފުރުމުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ރުޖޫއަވެފައިވާ ކަމަށާއި، ނަމަވެސް މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެއް ކަމުން ޓާމިނަލް ތެރެ ކޮންމެވެސް ވަރަކަށް ބާރުބޮޑު ކަމަށެވެ.

އިއްޔެ ދިމާވި މައްސަލައާ ގުޅިގެން ބައެއް ރިސޯޓުތަކުން ވަނީ ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތްދޭ އެހެން އޮޕަރޭޓަރުންނަށް ފްލައިޓު ޗާޓަރު ކޮށްދިނުމަށް އެދިފައެވެ. އާ އަހަރު ފާހަގަކުރުމަށް ރާއްޖެ އައި ފަތުރުވެރިން ގިނަ ވަގުތުތަކެއް އެއާޕޯޓުގައި ތާށިވުން ވެގެންދިޔައީ ނުރަނގަޅު ތަޖުރިބާއަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް