ގައުމީ ސާފިން ޓީމު ލަންކާއަށް

މިއަދު ލަންކާއަށް ފުރި ގައުމީ ސާފިން ޓީމުގެ ކުޅުންތެރިން -- ފޮޓޯ / ސާފިން އެސޯސިއޭޝަން

ރެޑް ބުލް ރައިޑް މައި ވޭވްގައި ބައިވެރިވުމަށް ރާއްޖޭގެ ސީނިއާ ސާފިން ޓީމު މިއަދު ހެނދުނު ލަންކާއަށް ފުރައިފިއެވެ.

ލަންކާގެ ހިއްކަޑުވާގައި މިމަހުގެ 31 އިން ފެށިގެން ކުރިއަށް ދާ މި މިބާރާތުގައު ބައިވެރިވުމަށް ރާއްގެއިންވަނީ ހަތަރު ބައިވެރިޔަކު ގޮސްފައެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ މި މުބާރާތުގައި ބައިވެރިވާން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.

މިޓީމުގައި ހިމެނޭ ސާފަރުންނަކީ އިސްމާއިލް ރަަޝީދު (ސްމައިލީ)، ހޫދު އަހުމަދު، އަހުމަދު އާގިލް (އަައްމަޑޭ) އަދި ނަޖާހު އަހުމަދުއެވެ. މިޓީމު އެކުލަވާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ގައުމީ ސާފިން މުބާރާތުންނެވެ.

މިޓީމުގެ ސްކޮޑަށް ބަލާއިރު، ގައުމީ ޗެމްޕިއަންކަން ހޯދި ހޫދުގެ އިތުރުން ސްމައިލީ އާއި ނަޖާހު ނިސްބަތްވަނީ ގދ. ގައްދޫ އަށެވެ. އެރަށުގެ ގިނަ ރާޅާއެޅުންތެރިން ވަނީ ދާދި ފަހުން ބޭއްވި ގައުމީ މުބާރާތުގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ވެސް ހޯދާފައެވެ. ގައުމީ މުބާރާތުގެ ރިހި މެޑަލް ހޯދީ ވެސް ގައްދޫ ޓީމުންނެވެ.

މިތިން ރާޅާއެޅުންތެރިންގެ އިތުރުން ދެން ގައުމީ ޓީމުގައި ހިމެނޭ އާގިލް އަކީ ކ. ތުލުސްދޫގެ ރާޅާއެޅުންތެރިއެކެވެ. ގިނަ އަހަރުތަކެއް ރާޅާއެޅުމުގައި ހޭދަކުރި އައްމަޑޭ ވަނީ ފާއިތުވި އަހަރުތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދާފައެވެ.

މިޓީމު މިއަދު ފުރާފައިވާއިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވަނީ އެ ކުޅުންތެރިންނަށް ކާމިޔާބަށް އެދިފައެވެ. މަހުލޫފް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއީ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށެވެ.

ހަމައެހެންމެ މިއީ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް