ޓީޓީއެމް އެވޯޑްސް 2022އަށް އައު ކެޓަގަރީތަކެއް ތައާރަފްކޮށްފި

ޓްރެވެލް ޓްރޭޑް މޯލްޑިވިސްގެ ޓީޓީއެމް އެވޯޑްސް 2021 --

ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)އިން އަންނަ އަހަރު ބާއްވާ އެވޯޑު ހަފްލާއަށް އިތުރު ކެޓަގަރީތަކެއް ތައާރަފްކޮށްފިއެވެ.

ޓީޓީއެމްއިން އަލަށް ތައާރަފް ކުރި ކެޓަގަރީތަކުގެ ތެރޭގައި މައިސް ސެގްމެންޓު، ނުވަތަ ވިޔަފާރި ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް ޕްރޮމޯޓުކުރުމާ ބެހޭ ކެޓަގަރީއެއް ހިމެނެއެވެ.

މީގެ އިތުރުން ސްޕާ އެންޑް ވެލްނެސް، ކައިވެނި ހަފްލާތައް، އިނޮވޭޝަން އަދި ސަސްޓެއިނެބިލިޓީ ގެ ދާއިރާއިންވެސް އެވޯޑުތައް ދިނުމަށް ވަނީ ނިންމާފައެވެ.

ޓީޓީއެމްއިން ވަނީ ރަޖިސްޓްރޭޝަން ހުޅުވާލުމާއިއެކު ހުރިހާ އެވޯޑަކަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ބުނެފައެވެ.

އެ އެވޯޑުތައް ދޭނީ އާއްމުންގެ ހިޔާލާއި ފަތުރުވެރިކަމުގެ ދާއިރާގައި ފުންނާބު އުސް ފަރާތްތަކުގެ ވޯޓުންނެވެ. އަދި ވޯޓުލުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިއަހަރު ޓީޓީއެމް އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ކްރޮސް ރޯޑްސް މޯލްޑިވްސް ރިސޯޓުގައެވެ.

ޓީޓީއެމް މޯލްޑިވްސްގެ ތެރެއިން ކުރިއަށްދާ ޓީޓީއެމް ޓްރެވަލް ސަމިޓް އޮންނާނީ މިމަހުގެ 28ވަނަ ދުވަހުގައެވެ. އަދި ޕްރީ-ޝެޑިއުލްޑް މީޓިންތައް އޮންނާނީ މިމަހުގެ 29އާއި 30ވަނަ ދުވަހުގައެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

comment ކޮމެންޓް