އެމްޑީޕީގެ ރައީސްކަމުގައި ހުރިއިރު ތަފާތު ދުއްތުރާތައް ކުރިމަތި ކުރުވި: ޑރ. ޑީޑީ

ޑރ. ޑީޑީ: އެމްޑީޕީގެ ކުރީގެ ރައީސް -- ސަން ފައިލް ފޮޓޯ

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު ޕާޓީގެ ތެރެއިން ބަޔަކު ރާވައިގެން ތަފާތު ދުއްތުރާތައް ކުރިމަތިކުރުވި ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމަށް ހޮވުނު ހިސާބުން ފެށިގެން ޕާޓީގެ އެތެރޭގެ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސަށް ލިބިފައިވާ ހުރިހާ ބާރުތަކެއް ނިގުޅައިގެންފައިވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައީސްގެ މަސްއޫލިއްތު އަދާކުރުމަށް ދަތި ކުރުމުގެ ގޮތުން ރައީސް ނަޝީދުގެ އަރިސް ބޭފުން ފޮނުވައިގެން ތަފާތު އެކިއެކި ގޯނާތައް ކުރިމަތި ކުރުވި ކަމަށެވެ.

"ޕާޓީގެ އޮފީހުގައި އަޅުގަނޑު މަސައްކަތް ކުރަމުންދިޔަ މޭޒާ ގޮނޑި ވެސް ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅުން އައިސް ހަމަ ފާޅުގައި ދުވާލު ގަޑީގަ ކޮރިޑޯ ތެރެއާ މަގުމައްޗަށް އުކާލާ އަދި ޕާޓީގެ އާއްމު މެމްބަރުންނާ ބައްދަލުކުރުމަށް ކޮންމެވެސް ވަރެއްގެ ޕްރައިވެސީއެއް ބޭނުންވާތީ ކުޑަކުޑަ ޕާޓިޝަން ކޮޅެއް ޖަހާފަ ހުއްޓާ އެ ޕާޓިޝަންވެސް ނަގާ މަގުމައްޗަށް އުކާލާ މިކަހަލަ ކަންތައްތަކެއް ހުރީ ހިންގާފަ،" ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމުގައި ހެލްތް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. ޑީޑީ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ކޮންމެވެސް މަޖުބޫރީ ހާލަތެއް ކުރިމަތި ކުރުވައިގެން ނަމަވެސް އިސްތިއުފާ ދޭތޯ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާލަތުގައިވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރެއްވީ މަގާމުން އިސްތިއުފާ ނުދީ ޕާޓީގެ މެމްބަރުންނަށް ވެފައި އޮތް ވައުދާ އެއްގޮތަށް، ޒިންމާ އަދާކުރެއްވޭތޯ ކަމަށެވެ.

"ސޯޝަލް މީޑިއާގައިވެސް އަޅުގަނޑުގެ އަގުވައްޓާލަން ދޮގު ވާހަކަ ފަތުރި. އަދި އުސްފަސްގަނޑުގައި ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަން ހުއްޓާ ކަރަންޓު ކަނޑާލާ އަޅުގަނޑާ ދިމާލަށް ފުޅި އާ ގަލާ އުކާ މިހާލަތަށް ގެންދިޔަ އިރުގަވެސް އަޅުގަނޑު އިސްތިއުފާއެއް ނުދެން،"

ޑރ. ޑީޑީ ވިދާޅުވީ ރައީސް ނަޝީދުގެ އޯޑަރަށް، އޭނާގެ ބައިވެރިން ނުކުމެ ގޯނާ ކުރަމުންދިޔައިރުގައިވެސް ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރުން ހުއްޓާ ނުލައްވާ ކުރިއަށް ގެންދެވި ކަމަށެވެ.

އޭނާ ވިދާޅުވީ 2011 ވަނަ އަހަރު ޕާޓީގެ ރައީސްކަން ލިބުނު ހިސާބުން ފެށިގެންވެސް ތަފާތު އުނދަގޫތަކާ އެކި ގޮތްގޮތުން ކުރިމަތިލާން ޖެހިއްޖެ ކަމަށެވެ. ޑީޑީ ވިދާޅުވީ ޕާޓީގެ ރައީސްކަން މީގެ ކުރިންވެސް ކުރެއްވި ބޭފުޅުންނާއި އަދި ލީޑާޝިޕްގެ ބޭފުޅުންނަށް ޕާޓީން ދުރަށް ދާން މަޖުބޫރު ކުރުވީ ރައީސް ނަޝީދުގެ ނުޒޫފުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވަނީކަންވެސް. އެއީ ކުރީގެ ތާރީޚަށް ބަލާލާއިރު ޑރ. މުނައްވަރުވެސް ޕްރެޝަރު ބޮޑުވެގެން އިސްތިއުފާ ދެއްވީ. މީގެ އިތުރުން ޕާޓީގެ ފުރަތަމަ ރައީސް އިބްރާ ވެސް އިސްތިއުފާ ދެއްވީ އެކަހަލަ މަޖުބޫރީ ހާލަތެއްގަ،" ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ ރައީސް ނަޝީދުގެ ރޭވުން ކާމިޔާބު ނުވުމުން ގައުމީ މަޖިލީހުގެ ނުފޫޒް ބޭނުން ކުރައްވައިގެން އޭނާގެ އިތުރުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޕާޓީން ބޭރުކޮށްލީ ކަމަށެވެ.

comment ކޮމެންޓް