އިންޑިއާގެ ފްލައިޓުތައް ޕަޕުއާ ނިއު ގިނީއަށް ދިޔުން މަނާކޮށްފި

ނިއު ގީނީ އެއާޕޯޓު--- ފޮޓޯ/އެެންޑީޓީވީ

ޕަޕުއާ ނިއު ގިނީން ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ގަވާއިދުތަކާ އިންޑިއާގެ ޑިޕްލޮމެޓުން ހިލާފުވި ކަމަށް ބުނެ، އިންޑިއާގެ ފްލައިޓުތައް ނިއު ގިނީއަށް ދިޔުން މަނާކޮށްފިއެވެ.

ނިއު ގިނީން އެ އިއުލާން ކުރީ، އެގައުމުގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނިއު ގިނީގެ އޮފިޝަލުންނަށް އޮޅުވާލި ކަމަށް ބުނެއެވެ.

އެގޮތުން ކޮވިޑް ޖެހިފައިވާ މީހުން ހިމެނޭ ގޮތަށް، ނިއު ގިނީއަށް ދަތުރު ކުރަން ހުއްދަ ނެތް ބަޔަކަށް އެގައުމަށް ދާން ހައި ކޮމިޝަނުން އެހީވި ކަމަށް ނިއު ގީނީގެ ޕޮލިސް ކޮމިޝަނާ ޑޭވިޑް މޭނިން ވިދާޅުވިއެވެ.

އެ މައްސަލަ ފެންމަތިވީ، އިންޑިއާގައި ތިބި އެހެން ގައުމުތަކުގެ ބަޔަކު ނިއު ގިނީއަށް ގެންދަން ދެ ގައުމުން އެއްބަސްވުމެއް ހެދި ފަހުންނެވެ. އެ އެއްބަސްވުމުގައި ވަނީ އެ ފްލައިޓުން ގެންދާނީ 81 މީހުން ކަމަށެވެ.

ނަމަވެސް އިންޑިއާއިން ނިއު ގީނީއަށް ދިޔަ ފްލައިޓުން 111 މީހުން ގޮސްފައިވެއެވެ.

އެ ފްލައިޓުގައި ނިއު ގިނީ އާއި އިންޑިއާ އަދި އިންޑޮނޭޝިއާގެ މީހުން ދަތުރުކުރިއެވެ. އަދި މީގެ ތެރެއިން ހަތަރު މީހަކު ވަނީ ކޮވިޑަށް ޕްޒިޓިވްވެފައެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން ނުރުހުން ފާޅުކޮށް، ނިއު ގިނީން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިންޑިއާގެ ފްލައިޓުތައް އެގައުމަށް ދިޔުން މަނާކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުން އަދި މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ނިއު ގިނީން މިހާތަނަށް ގާތްގަނޑަކަށް 18،000 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް