ރައީސް ނަޝީދުގެ އަމަލުތަކުގެ ސަބަބުން ރައީސް ސޯލިހަށް ތާއީދު އިތުރުވެއްޖެ: ޑރ. ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ (ޑރ.ޑީޑީ) ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޮތް ތާއީދާއި ލޯބި ކުޑަވެ، އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ތާއީދު އިތުރުވެއްޖެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އާއްމު މެމްބަރުންގެ ވިސްނުމާއި ޕާޓީ ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރުވެސް ފެންނަމުން ދަނީ ރައީސް ސޯލިހުގެ އިތުބާރު ބޮޑުވަމުން އަންނަ މަންޒަރު ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގެ ރޫހާއި އަދި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އެދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ޕާޓީއަށް ލިބޭ ގެންލުން ބޮޑުވުމުގެ އިތުރުން ރައީސް ނަޝީދަށް އޮންނަ އިތުބާރުވެސް ކުޑަވެގެންދާ މަންޒަރު ފެންނަމުން އެބަދާ ކަމަށެވެ.

"ރައީސް ނަޝީދުގެ އިތުބާރު ބޮޑުތަނުން ކުޑަވެއްޖެ. ނަޝީދު އެ ކުޅުއްވާ ޑްރާމާތަކާ ސަރުކާރާ ދޭތެރޭގަވެސް އެ ގެންގުޅުއްވާ ސިޔާސަތުތަކާ ސަރުކާރަށް ޖެންސުން ކުރުމާ އަދި އަމިއްލަ އިންޓްރެސްޓުގައި އެ ބޭނުންވާ މަގާމެއްގެ ދަހިވެތި ކަމުގަ އެ ދައްކަވާ ވާހަކަތަކުން ޕާޓީއަށް އެ ލިބޭ ޑެމޭޖް އިންތިހާއަށް ބޮޑު،" ޑީޑީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓަރުކަންވެސް ކުރެއްވި ޑރ. ޑީޑީ ވިދާޅުވީ ރައީސް ނަޝީދަށް އޮތް ތާއީދު ކުޑަވެ، އެމަނިކުފާނު ބާކީވެއްޖެކަން ސާބިތުވާ އެންމެ އަލިގަދަ ހެއްކަކީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ރައްޔިތުން ދައްކުވައިދިން ނަތީޖާ ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހާއިބެހޭ ގޮތުން ޑީޑީ ވިދާޅުވީ 2013 ވަނަ އަހަރުގައި ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައި އޮތް ނިންމުމަށް ބަލާއިރުވެސް ޕްރައިމަރީ އަކާއި ނުލާ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދޭން ޖެހޭނެ ކަމަށެވެ.

އަދި ވިދާޅުވީ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުކަށް ބަދަލެއް ގެނެވޭނީ ގައުމީ މަޖިލީހަށް އެކަނި ކަމަށެވެ.

"މިހާތަނަށް ގައުމީ މަޖިލީހުން ނިންމާފަ އޮތް ނިންމުމަށް ބެލިޔަސް 2023 ގައި ޕްރައިމަރީއެއް ބާއްވާކަށް ނުޖެހޭނެ. ޕާޓީން މިހާތަނަށް ނިންމާފަ ހުރި ނިންމުން ތަކަށް ބަލާއިރު ރައީސް ސޯލިހަކީ ޕާޓީގެ އެންމެ އިސް ލީޑަރަށް ހުންނެވި ބޭފުޅާ. އެހެންވީމަ ގައުމީ މަޖިލީހުން ވަކި ގޮތެއް ނުނިންމާހާ ހިނދަކު 2023 ގަ ސިޓިން ޕްރެޒިޑެންޓުގެ ގޮތުގަ ރައީސް ސޯލިހަށް ޓިކެޓް ލިބޭނެ،" ޑީޑީ ވިދާޅުވިއެވެ.

ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ރައީސް ސޯލިހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދެވުމަށް ކަމާއި އެހެންކަމުން އެމަނިކުފާނުގެ ވައުދުތައް ފުށްދެވުމަށްޓަކައި ޕާޓީގެ ފަރާތުން އެންމެ ފުރިހަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ޕާޓީގެ މެމްބަރުން ވިސްނަން އެބަޖެހޭ ރައީސް ސޯލިހު އެ ކުރައްވާ މަސައްކަތަކަށް އެއްބާރުލުން ދޭން. ރައީސްގެ ފަރާތުންނާ އަދި އެމްޑީޕީގެ ފަރާތުން ވެފަހުރި ވައުދުތައް ފުށްދުމުގަ ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުން ދީގެން ޕާޓީގެ އިސް ލީޑަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ދިއުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ޑީޑީ ވިދާޅުވިއެވެ.

comment ކޮމެންޓް