އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އުފުލަނީ އެމިރޭޓްސްއިން

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި --- ފޮޓޯ: ސޯޝަލް މީޑިއާ

މިވަގުތު 27 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އައިސްފައިވަނީ އެމިރޭޓްސްގެ ފްލައިޓުތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެމިރޭޓްސް އިން 16،438 ޕަސިންޖަރުން އުފުލާފައިވެ އެވެ. އެއީ 200 މޫވްމަންޓެވެ.

އެމިރޭޓްސް އިން ވަނީ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓު އޮޕަރޭޓު ކޮށްފަ އެވެ. މިހާރުވެސް އެ އެއާލައިނުން ރާއްޖެއާއި ދުބާއީ އާ ދެމެދު ދުވާލަކު ތިން ފްލައިޓު އާންމުގޮތެއްގައި ބާއްވަ އެވެ.

އެމިރޭޓްސް އަކީ 100 އަށް ވުރެ ގިނަ މަންޒިލަށް ދަތުުރު ކުރާ އެއާލައިނަކަށް ވާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން އަންނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް އެއާލައިނަކީ އެމިރޭޓްސް އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލާފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އަކީ ކޮވިޑު19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުފެށި އެއާލައިނެވެ.

މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ގަތަރު އެއާވޭސް އިން 10,432 ފަސިންޖަރުން ރާއްޖެއަށް އުފުލާފައިވާއިރު އެއީ 178 މޫވްމަންޓެވެ. އެ އެއާލައިނުވެސް ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓު ބޭއްވި އެވެ. ގަތަރު އެއާލައިނަކީވެސް އެކި ސަރަހަައްދުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އުފުލާ އެއާލައިނެކެވެ.

ތިންވަނަ އަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އުފުލީ އިންޑިގޯ އިންނެވެ. އިންޑިއާގެ ބަޖެޓު ކެރިއަރު، އިންޑިގޯ އިން ރާއްޖެ އާއި އިންޑިއާގެ ހަތަރު ސިޓީ އަކާ ދެމެދު ސީދާ ދަތުރުތައް ބާއްވަ އެވެ. އެއީ ނިއުދިއްލީ، މުމްބާއީ ކޮޗިން އަދި ބެންގަލޫރެވެ.

އިންޑިގޯ އިން 9,231 ފަސިންޖަރުން އުފުލިއިރު އެއީ 158 މޫވްމަންޓެވެ. އިންޑިއާ އަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާގެ އޭރޯފްލޯޓުން މި ޖެނުއަރީ މަހުގެ ތެރޭގައި 8,968 ފަސިންޖަރުން ރާއްޖެ އުފުލާފައިވެ އެވެ. އެ އެއާލައިނުން ކޮންމެ ދުވަހަކު ރާއްޖެ އާއި ރަޝިއާޔާ ދެމެދު ދަތުރުތައް ބާއްވާއިރ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އޭރޯ ފްލޯޓުގެ 52 މޫވްމަންޓުު ވަނީ ރެކޯޑު ކުރެވިފަ އެވެ.

ދެން އެންމެ ގިނަ ފަސިންޖަރުން އުފުލި އެއާލައިންތަކުގެ ތެރޭ ހިމެނެނީ ޓާކިޝް އެއާލައިންސްގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ފްލައި ދުބާއީ އަދި އަޒުރު އެއާ ރަޝިއާ، އެއާ އެސްޓާނާ އަދި އަޒުރް އެއާ ޔޫކްރެއިން އަދި ލުފްތަންސާ އެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު ޖެނުއަރީ 27 ވަނަ ދުވަހުގެ ނިޔަލަށް 78,237 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2،898 ޓޫރިސްޓުން އަންނަ ކަމަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަ އެވެ. ޓޫރިސްޓުން ރާއްޖޭގައި 9.2 ދުވަސް އެވްރެޖުކޮށް ހޭދަކުރާ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް