އެންމެ ބޮޑު ވާދަވެރިޔާ ނަޑާލް އެއްކޮށް ރެކޯޑެއް ހިއްސާ ކުރުމަކީ ޝަރަފެއް: ފެޑެރާ

ޓެނިހުގެ އެންމެ ވާދަވެރި ދެކުޅުންތެރިން ކަމަށްވާ ރޮޖާ ފެޑެރާއާއި، ރަފޭލް ނަޑާލް --- ލައިވްސްކޯ

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ބަލިކުރުމަށް ފަހު ސްޕެއިނުގެ ރަފައެލް ނަޑާލް 20 ވަނަ ގްރޭންޑް ސްލޭމް ހޯދުމުން އެ ރެކޯޑް ކުރިން ހަދާފައި އޮތް ރޮޖާ ފެޑެރާ އޭނާއަށް މަރުހަބާ ކިޔައިފި އެވެ.

މި މުބާރާތުގައި ތޭރަ ފަހަރު ފައިނަލުގައި ކުޅެ މިހާތަނަށް އެ މުބާރާތުގެ ފައިނަލުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އައި ނަޑާލް ފައިނަލުން ކުރި ހޯދީ ސީދާ ތިން ސެޓުން ޖޮކޮވިޗް ބަލިކޮށްގެންނެވެ. އަދި އެ މުބާރާތުގެ ތަށްޓާ އެކު އޭނާ ވަނީ ތާރީހީ 20 ގްރޭންޑް ސްލޭމް ހޯދައި އެންމެ ގިނަ ފަހަރު ގްރޭންޑް ސްލޭމް ހޯދި ފެޑެރާއާ އެއްވަރުކޮށްފަ އެވެ.

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިފަހަރުގެ ފްރެންޗް އޯޕަންސްގައި ވާދަކޮށްފައިނުވާ ފެޑެރާ 20 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރީ 2018 ވަނަ އަހަރު އެވެ. ފެޑެރާ ބުނީ މި ކުޅިވަރުގައި އޭނާއާ ހުރިހާ ގޮތަކުން އެންމެ ވާދަވެރި ނަޑާލްގެ ރެކޯޑް ދެ ކުޅުންތެރިންގެ ދެމެދުގައި ހިއްސާ ކުރަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

"އަހަރެން އަބަދު ވެސް އަހަރެންގެ ގާތް ރަހުމަތްތެރިޔާ ނަޑާލްއަށް ފުރިހަމައަށް އިހުތިރާމު ކުރަން. އަހަރެންގެ އެންމެ ބޮޑު ވާދަވެރިޔާކަމުގައި ހުރެމެ، ވޭތުވެ ދިޔަ އަހަރުތަކުގައި ލިބުނު ކާމިޔާބީތައް ހޯދުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ނަޑާލްގެ ސަބަބުން. އެހެންވެ ތި ހޯދި ކާމިޔާބީއާ އެކު 20 ގްރޭންޑް ސްލޭމްގެ ރެކޯޑް ހިއްސާ ކުރުމަކީ ލިބޭ ބޮޑު އުފަލަކާ ޝަރަފެއް،" ފެޑެރާ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ފެޑެރާ ބުނީ، ފްރެންޗް އޯޕަންސްގެ ތަށި ރެކޯޑް 13 ފަހަރަށް ހޯދުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި، އެކަމަކީ ކުޅިވަރުގެ ތާޜީހުގައި ވެސް ފާހަގަކޮށްލަން ޖެހޭ ބޮޑު ކަމެއް ކަމަށެވެ.

"އަހަރަމެން ދެކުޅުންތެރިންނަށް 20 އަކީ އަދި ނިމުމެއް ކަމަށް ބަލައިގެން ނުވާނެ. މިއީ އަދި މި ދަތުރުގެ ފަހު މަންޒިލެއް ނޫން."

ރޭގެ ކާމިޔާބީއާ އެކު ނަޑާލް ވަނީ ފްރެންޗް އޯޕަންގައި 100 މޮޅު ހަމަކޮށްފަ އެވެ. އޭނާ ފްރެންޗް އޯޕަންގައި ބަލިވީ ދެ މެޗުންނެވެ. އޭގެ ތެރެއިން އެއް މެޗުން ބަލިވީ ޖޮކޮވިޗް އަތުންނެވެ.

comment ކޮމެންޓް