އެމެރިކާގައި އެއް ދުވަހުގެ ތެރޭގައި ދެހާސް ވަރަކަށް މީހުން މަރުވެއްޖެ

ވޮޝިންޓަން (8 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ނުރައްކާ ކުޑަވެ އެ ރޯގާ އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގެ ސްޓޭޓްތައް ހަމައަކަށް އެޅެމުން އަންނަ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއްދުވަހުގެ ތެރޭގައި އެމެރިކާގައި ދެހާހާގާތް ކުރާ އަދަދަކަށް އެ ރޯގާގައި މީހުން މަރުވެއްޖެ އެވެ.

ކޮރޮނާ ވައިރަސް އާ ބެހޭ އެމެރިކާގެ ތަފާސްހިސާބުތައް އެންމެ ސައްހަގޮތުގައި ބަލަހައްޓަމުން ގެންދާ ޖޯން ހޮޕްކިންޒް ޔުނިވާސިޓީން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެމެރިކާގައި ކޮރޯނާވައިރަސްގެ ސަބަބުން 1،939 މީހުން މަރުވެފައިވާ ކަމަށާއި ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 12،857 އަށް އަރާފައިވާ ކަމުގައެވެ. ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީން އެކުލަވާލާފައިވާ ކޮވިޑް-19ގެ ލައިވް ޓްރެކާގެ ރެކޯޑްތައް ދައްކާގޮތުން އެމެރިކާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރު ލައްކައަށް އަރައިފަ އެވެ.

ކޮވިޑް-19 އާ ނުރައްކާ ކުޑަވާކަމަށް ވިދާޅުވެ ޓްރަމްޕް އިއްޔެ ދެއްކެވި ވާހަކަތަކާ ދެކޮޅަށް އެމެރިކާގެ ތަޖްރިބާކާރު އިމިއުނޮލޮޖިސްޓް އަދި އިންފެކްޝަސް ޑިޒީސްގެ ޕްރޮފެސާ އަދި ކޮވިޑް-19 ޓާސްކްފޯހުގެ މެމްބަރު ޑރ. އެންތަނީ ފައުޗީ ވަނީ ފާޅުގައި ދެކޮޅު ހައްދަވައިފަ އެވެ. ޑރ. ފައުޗީ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގައި އެމެރިކާ ކަމާބެހޭ ފަރާތްތަކަށް ލަފާދޭ އިސް މުސްތަޝާރުންގެ ތެރޭގައި ހިމެނޭ ސައެންސްވެރިއެކެވެ.

ފައުޗީ ވަނީ ކޮވިޑް-19ގެ ނުރައްކާ އަދި އެމެރިކާގައި ކުޑަވާން ގާތް ވެސް ނުވާކަމަށް ވިދާޅުވެ، މިހާރު އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާއި އެނޫންވެސް ފިޔަވަޅުތަކަށް ކުޑަވެސް ލުޔެއް ދީފި ނަމަ އެމެރިކާގެ ހާލަތު އަތުނުޖެހޭ ހިސާބަށް ގޮސް އެމެރިކާގެ ރައްޔިތުން ހިތާމަ ކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާގައި ދެލައްކައެއްހާ މީހުން މަރުވާނެކަމަށް އެމެރިކާގެ ބައެއް ތަޖްރިބާކާރުންވަނީ އަންދާޒާ ކުރައްވައިފަ އެވެ.

ކޮވިޑް-19ގެ މައްސަލާގައި އިހުމާލާއި ފަރުވާކުޑަވުމުގެ އިތުރުން އެރޯގާ ކޮންޓްރޯލް ކުރުމުގައާއި އެމެރިކާގެ އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބުވުމުން ޓްރަމްޕް ވަނީ "ހޫނުފެނަށް" ވެއްޓިފަ އެވެ. އަދި ހަގީގަތެއްނެތް ބޭކާރު ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ވެސް ޓްރަމްޕްގެ މައްޗަށްވަނީ އެމެރިކާގެ އެތެރެއާއި ބޭރުގައި ކުރެވިފަ އެވެ.

މިދަނޑިވަޅުގައި ކޮވިޑް-19ގެ ނުރައްކާ ކުޑަވެ އެރޯގާގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ އަނދިރިކަން ފިލައި އަލިކަން ފާޅުވާން ފަށާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވުމުން އެމެރިކާގެ ބައެއް އާންމުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެވާހަކަތަކަށް ޖޯކުޖަހައި ޓްރަމްޕަކީ ތަންދޮރު ނުދަންނަ ބޭފުޅެއްކަމަށް ސިފަކޮށްފަ އެވެ. އަދި ޓްރަމްޕް ބޭކާރު ވާހަކަތަކުގެ ސަބަބުން އެމެރިކާ ލަދުވެތި ހާލަތަކަށް ގޮސްފައިވާ ކަމަށް ވެސް އެމީހުން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް