ބަލިމަޑުކަމާއި ހަމަނުޖެހުންތައް: މީގެ ކުރިން ހައްޖު ނުބޭއްވި ދިޔަ ހާދިސާތަކެއް

ސައުދީން ވަނީ ކޮރޯނާވައިރަސް ފެތުރިދާނެތީ ހަރަމްފުޅު ބަންދުކޮށްފައި ބަހައްޓަން ނިންމާފަ --

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ މަހު ސައުދީ އަރަބިއާއިން ވަނީ އުމްރާކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު އެގައުމުން ވަނީ ހައްޖު ތައްޔާރީތައް މަޑުޖައްސާލަން އެދިފައެވެ. އެއާއެކު މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ގެއްލިގެން ގޮސްދާނެކަމުގެ ބިރު މުސްލިމުންގެ މެދުގައި ވަނީ ފެތުރިފައެވެ. ނަމަވެސް މިކަން މިގޮތަށް ހިނގައިފިނަމަ މި ވާނީ ހަރަމްފުޅު ބަންދުކޮށް، ހައްޖުގެ އަޅުކަން އަދާނުކުރެވޭނެ ފުރަތަމަ ފަހަރަކަށް ނުވާނެއެވެ.

ފާއިތުވި 1،400 އަހަރު ތެރޭގައި މުސްލިމުންނަށް ގެފުޅަށް ވާސީލުވުމަށް ހުރަސް އެޅުނު ހާދިސާތަކެއްގެ ޚުލާސާތަކެއް މިވަނީއެވެ:

ގުރުމުތީ ދައުލަތުން ހައްޖުވެރިން މެރުން

މިސްރުގެ ފާތިމީ ދައުލަތުން ވަކިވެގަނެގެން އުފެދުނު ގުރުމުތީ ދައުލަތް ކިޔާ ހައްދުފަހަނައަޅާފައިވާ ގުރޫޕަކުން 930 ވަނަ އަހަރު މައްކާއަށް ހަމަލާ ދިނެވެ. އެ ހަމަލާ ދިނީ ހައްޖުގެ އަޅުކަން ކުރިއަށްދަނިކޮށެވެ. އަދި އެމީހުން 30،000 ހައްޖުވެރިން މެރިކަމަށް ލިޔެވިފައި ވެއެވެ.

އެހަމަލާގައި އިސްކޮށް ހުރި ގުރުމުތީ ދައުލަތުގެ ލީޑަރު އަބޫ ތާހިރު އަލް ޖަންނަބީ އޭރު ހަޖަރުލް އަސްވަދު ހިލަކޮޅު ވަގަށް ނެގިއެވެ. އަދި ހަޖަރުލް އަސްވަދު އަނބުރާ ދިނީ އޭގެ ބަދަލެއްގެ ގޮތުން އެތައް ހާސް ދީނާރު އަތުލުމަށް ފަހު، 22 އަހަރު ފަހުންނެވެ.

އައްބާސީ ހިލާފަތާއި ފާތިމީ ހިލާފަތާ ދެމެދު އުފެދުނު ދެބަސްވުންތައް

މީލާދީ ގޮތުން 983 ވަނަ އަހަރު، އޭރު އިރާގާއި ސީރިއާގައި އޮތް އައްބާސީ ހިލާފަތާއި މިސްރުގައި އޮތް ފާތިމީ ހިލާފަތާ ދެމެދު އުފެދުނު ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން ހައްޖަށް ދިއުން ހުއްޓުމަކަށް އައެވެ. އޭގެ ފަހުން ހައްޖު ކުރެވުނީ އަށް އަހަރު ފަހުން، 991 ވަނަ އަހަރުގައެވެ.

ބަލިމަޑުކަން ފެތުރުން

ނަވާރަވަނަ ގަރުނު ތެރޭގައި އަރަބި ޖަޒީރާގެ ހިޖާޒު ސަރަހައްދުގައި ތާޣުން ބައްޔާއި ކޮލެރާ ފެތުރި، އެއް ފަހަރަށް ވުރެ ގިނައިން ހައްޖުނުކުރެވޭ ވަރުވިއެވެ. އޭގެ ތެރޭގައި 1814 ގައި ހިޖާޒް ސަރަހައްދުގައި ތާޢޫން (ޕްލޭގް)ފެތުރި، 8،000 ވަރަކަށް މީހުން މަރުވުމުގެ ސަބަބުން އެ އަހަރު ހައްޖުު ނުކުރެވުނެވެ. އަދި 1837ގައި އަނެއްކާވެސް މައްކާގައި ތާއޫން ބަލި ފެތުރުމުން 1840އާ ހަމަޔަށް ހައްޖު ނޫބޭއްވޭ ގޮތްވުން ހިމެނެއެވެ.

މަސްދަރު: ޓީއާރުޓީ ވޯލްޑް

comment ކޮމެންޓް