ވެމްކޯއަށް ކުނި ކަހާ 200 ދިވެހިން ހޯދަނީ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ހޯދަން އިއުލާނުކޮށްފި އެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ވަޒީފާއަށް ބޭނުން ވަނީ، މަސައްކަތަށް ޝައުގުވެރިކަން ހުރި ގާބިލު މީހުން ކަމަށެވެ.

ވެމްކޯ އިން އިއުލާނުކޮށްފައި ވަނީ މާލެ މަގުތައް ކުނި ކަހާނެ 150 މީހުންނާއި، ވިލިމާލެ މަގުތައް ކުނި ކަހަން 50 މީހުންނެވެ.

ވަޒީފާގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 7500 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރު ނުފުރޭ ދިވެހި ރައްޔިތަކަށް ވުމާއި، އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުމާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުމެވެ.

ވެމްކޯއިން ބުނީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

ވަޒީފާއަށް އެދުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި، ދޫކުރި ފަހުން ތިން މަސް ހަމަނުވާ ޕޮލިސް ރިޕޯޓާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި އަދި އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނީ ވެމްކޯގެ މައި އޮފީހަށެވެ.

އިންޓަވިއުއާއި އިމްތިހާނުކުރުން އޭޕްރިލް މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށާއި، އިންޓަވިއުއަށް ގުޅާނީ ޝޯޓްލިސްޓް ކުރާ ފަރާތްތަކަށް ކަމަށް އިއުލާނުގައިވެ އެވެ.

comment ކޮމެންޓް