މޯލްޑިވިއަނުން މާލެ އާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ބުރާސްފަތީގައި ފަށަނީ

މޯލްޑިވިއަން ގެ ބޯޓެއް--- ފޮޓޯ/އެއާވޭޒް މެގަޒިން

މޯލްޑިވިއަނުން ސްރިލަންކާގެ ކޮލަމްބޯއާއި މާލެއާއި ދެމެދު ދަތުރުތައް ބުރާސްފަތި ދުވަހު ފަށަން ނިންމައިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނީ، މާލެ އާއި ކޮލޮމްބޯއާ ދެތެރޭގައި ދަތުރުތައް ފެށޭ ރޭޓަކީ 165 ޑޮލަރު ކަމަށެވެ.

އަދި މި ދޭތެރޭގައި ދަތުރުކުރާ ފްލައިޓުތައް ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އަދި މި ފްލައިޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް އުފުލޭނީ 30 ކިލޯގެ ބެގޭޖެއް ކަމަށް ވެސް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެ އެއާލައިނުން ބުނީ މާލެ އާއި ކޮލޮމްބޯއާ ދޭތެރޭ ދަތުރުކުރާއިރު ވަރަށް ފުރިހަމަ މީލް ޕެކެއް ވެސް ފަސިންޖަރުންނަށް ލިބޭނެ ކަމަށެވެ.

އަދި ހަމަ މިއާއެކު މޯލްޑިވިއަންއާއެކު ދަތުރު ކުރާނަމަ ނަވަލޮކާ ހޮސްޕިޓަލުން އިތުރު އެކްސްކުލޫސިވް ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި:

  • މެޑިކަލް ކޮންސަލްޓޭޝަން އެންޑް މެޑިކަލް ހީސްޓްރީ އިވެލުއޭޝަން (މެޑިކަލް ޑޮކްޓަރަކާއެކު)
  • ބޮޑީ މާސް އިންޑެކްސް ޓެސްޓާއި ވިޝަން ޓެސްޓް
  • ދަތުގެ ޗެކްއަޕް ހެދުން
  • ކްލިނިކަލް ޑައިޓީޝަން އާއި މަޝްވަރާކުރުން
  • ލެބޯޓްރީ ޓެސްޓްތަކުން %15 ޑިސްކައުންޓް (އޯޕީޑީ ބެސިސް)
  • އެކްސްރޭއިން %5 ޑިސްކައުންޓް
  • ޚާއްޞަ ޑިސްކައުންޓް ލިބޭ ހެލްތު ސްކްރީނިން ޕެކޭޖްތައް

މީގެ އިތުރުން މޯލްޑިވިއަނުން ބުނީ އެ އެއާލައިނުގައި އެހެން އެއާލައިނުތަކާއި ޚިލާފަށް ތަފާތު ޔުނީކް ސެލިން ޕޮއިންޓުތަކެއް ހިމެނޭ ކަމަށެވެ.

އެގޮތުން އެ އެއާލައިނުން ހިލޭ ކެއުންތަކަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން 30 ކިލޯގެ ބެގޭޖަކާއެކު 165 ރުފިޔާއަށް ކޮލަމްބޯ އަށް ދެވޭއިރު އެއްވެސް ގޮތަކަށް އާންމުކޮށް އެއާޕޯޓުތަކުން ނަގާ 'ސަޕްރައިޒް ފީތައް' ނުނަގާނެ ކަމަށް ވެސް އެ އެއާލައިނުން މައުލޫމާތު ދެއެވެ.

އަދި މި ފްލައިޓުތަކުގައި ހަރަކާތްތެރިވާނީ، ދިވެހި އަދި އިނގިރޭސި ބަސް ދަންނަ ސްޓާފުން ކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ. އަދި މާލެ އާއި ކޮލަމްބޯއާއި ދެމެދު ކުރާ މި ދަތުރުތަކުގައި އުމުރުން ދުވަސްވެފައިވާ މީހުންނަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން އަލަށް މި ތައާރަަފްކުރާ ޚިދުމަތަކީ އަގުހެޔޮ އަދި މި ޚިދުމަތުގެ ތެރެއިން ފަސިންޖަރުން ހިތްހަމަޖެހޭނޭ ފަަދަ ތަފާތު އެތަކެއް ޚިދުމަތްތަކެއް ލިބޭނެ ކަމެކެވެ.

comment ކޮމެންޓް