ރެޑްވޭވްއިން މާލޭގައި ޑެލިވަރީގެ ހިދުމަތް ފަށައިފި

ރެޑްވޭވް ހުޅުމާލެ ފިހާރަ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދުން ފެށިގެން، ރާއްޖޭގައި ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރަމުންދާ ރެޑްވޭވުން މާލޭގައި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރެޑްވޭވުން ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ފަށާފައިވާއިރު، މިއަދު މެންދުރު 12 އިން ފެށިގެން މާލޭގައި ވެސް ޑެލިވަރީގެ ހިދުމަތް ފަށާފައިވާކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ މިއަދު މެންދުރު މާލޭގައި ހިދުމަތް ފެށި ނަމަވެސް ކުރިއަށް އޮތްދުވަސްތަކުގައި ހެނދުނު 09:00 އިން ރޭގަނޑު 09:30 ހަމައަށް ކަސްޓަމަރުންގެ އޯޑަރުތަށް ބަލައިގަނެ ޑެލިވާކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑެލިވަރީ ކޮށްދޭނީ 200 ރުފިޔާއިން މަތީގެ އޯޑަރުތައް ކަމަށާއި ކާބޯތަކެތީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް ރެޑްވޭވްއިން ކަސްޓަމަރުންނަށް ޑެލިވާކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ.

ޑެލިވަރީގެ ހިދުމަތް ހޯދަން ބޭނުން މާލޭގެ ކަސްޓަމަރުން ބޭނުންވާ އައިޓަމްތައް، ކަސްޓަމަރުގެ ނަމާއި، ގުޅޭނެ ނަމްބަރާއި، އެޑްރެސްގެ އިތުރުން ފައިސާ ދައްކަންބޭނުންވާ ގޮތް ޖެހުމަށްފަހު ރެޑްވޭވްގެ 9192299 ނަންބަރަށް ވައިބާ ކޮށްލުމުން، ވިޔަފާރުކުރި ތަކެތި ގެއަށް ގެންގޮސްދޭނެއެވެ.

ރެޑްވޭވުން ޑެލިވަރީގެ ހިދުމަތް ފަށާފައި ވަނީ ކޮރޯނާއިން ރައްކާތެރިވުމަށް ކަސްޓަމަރުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެހެންކަމުން ވީހާވެސް ގިނަ ކަސްޓަމަރުން ޑެލިވަރީގެ ހިދުމަތް ހޯދައި، ގޭގައި މަޑުކޮށް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައި ފަރުދީ ޒިންމާ އަދާކުރަން ރެޑްވޭވުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް