ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް ލުޔެއް ހޯދަން އެގައުމާ މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް19އާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއިން ވަރަށް ގިނަ ލޯނުތަކެއް ނަގާފައިވާ ކަމަށާއި އެންމެ ގިނައީ ޗައިނާއިން ނަގާފައި ހުރި ލޯނުތައް ކަމަށެވެ.
"މިއަހަރު 100 މިލިއަނާ ކައިރިއަށް އެބަޖެހޭ އެޗްޑީސީ އެކަނިވެސް ޗައިނާގެ ލޯނުތައް ދައްކަން. މީގައި ލުއި ގޮތެއް ހޯދައިދިނުމުގެ މަޝްވަރާތަކެއް ފަށައިފިން. ޗައިނާ ސަރުކާރުން މިކަމުގައި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ އުންމީދު އެބައޮތް." ރައީސް ވިދާޅުވި އެވެ.
ރައީސް ޞާލިހު ވިދާޅުވީ ޗައިނާއިން ނަގާފައިހުރި ލޯނުތަކަށް ލުއި ގޮތެއް ހޯދޭތޯ ބަލަން އެގައުމުގެ ރައީސަށް ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެ ސިޓީއަށް އަދި ޖަވާބެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.