ޖެކް މާ ރާއްޖެއަށް ދޭ އެހީ މާދަމާ ސިންގަޕޫރާ ހަމައަށް ދާނެ: ރައީސް

އަލީބާބާގެ ފައުންޑާ އަދި ޗައިނާގެ އެންމެ މުއްސަނދި މީހާ ޖެކް މާ--

ކޮވިޑް19އާ ގުޅިގެން އަލީބާބާގެ ފައުންޑާ އަދި ޗައިނާގެ އެންމެ މުއްސަނދި މީހާ ޖެކް މާ ރާއްޖެއަށް ފޯރުކޮށްދޭ ސާމާނު ރާއްޖެއަށް އަންނާނީ ސިންގަޕޫރު މަގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ ޗައިނާއާއި އަލީބާބާގެ ފައުންޑަރު ޖެކް މާ ދޭ އެހީތައް ތައްޔާރަ ހުރި ކަމަށް ޗައިނާގެ އެމްބެސެޑަރުގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު މިއަދު ވެސް ޗައިނާ އެމްބެސެޑަރާ ވާހަކަ ދެއްކިން. ވިދާޅުވީ މިކޮޅަށް ބޭނުންވާ ތަކެތި ތައްޔާރަށް ހުރި ވާހަކަ. އަދި އަލިބާބާގެ ސީއޯ ދޭ އެހީއެއް ވެސް، މާދަމާ ސިންގަޕޯއާ ހަމައަށް ދާނެ ވާހަކަ އެމްބެސެޑަރު ވިދާޅުވި." ރައީސް ވިދާޅުވި އެވެ.

މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި އޭޝިއާގެ ބައެއް ގައުމުތަކަށް އެހީދޭނެ ކަމަށް ޓުވިޓާ މެދުވެރިކޮށް ޖެކް މާ ބުނީ މި މަހުގެ 20 ވަނަ ދުވަހުގަ އެވެ.

އެތަކެތި އަވަހަށް ފޮނުވަން ދަތިތަކެއް ހުރި ކަމަށް އެ ޓުވީޓުގައި ޖެކް މާ ވެސް ބުނެފައިވެ އެވެ.

ރައީސް ޞާލިހު ވިދާޅުވީ ޗައިނާ ސަރުކާރުން ދޭ އެހީ ތައްޔާރުވެފައި ހުރި ނަމަވެސް އެތަކެތި ނައިސް ލަސްވަނީ މިހާރު ހުރި ޓްރެވަލް ރެސްޓްރިކްޝަންތަކެއް ސަބަބުން ކަމަށް ޗައިނާ އެމްބެސެޑަރު ވިދާޅުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކުއްލި ހާލަތެއްގައި އެތަކެތި ބޭނުންވެއްޖެ ހާލަތެއްގައި ޗައިނާއިން ފްލައިޓެއް ފޮނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން އެހެން ގައުމުތަކަށް ވެސް ޗައިނާއިން އެގޮތަށް އެހީ ފޮނުވާފައިވާ ކަމަށާއި ރާއްޖެއަށް ވެސް އެހީ ފޮނުވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް