Last Updated: 4 year 1 month ago

ރާއްޖެ މި އޮތީ ލޮކްޑައުންއެއްގައި: ރައީސް

ބުލޮގު ޚުލާސާ

މިއީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ކަންތައްގަނޑު ފެށުނު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު. ޕްރެސް ކޮންފަރެނެސް ކުރިއަށް ދަނީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި. މި ޕްރެސްގައި ރައީސް މުހިންމު ކަންކަން ހާމަކުރައްވާނެ ކަމަށް ބެލެވޭ.

18:43

ރައީސްގެ ޕްރެސް ނިންމާލައްވައިފި.

18:40

ރައީސް: އިގްތިސާދަށް މި އަންނަ ބަދަލު އަޅުގަނޑުމެން ބަލަން ޖެހޭ މިނިމަމް ވޭޖް ކަންތައްތަކުގައި. މަޖިލީހުން ގޮތެއް ކަނޑައެޅީމާ އަޅުގަނޑުމެން އެކަމާ ގޮތެއް ނިންމާނަން މަޝްވަރާކޮށްފައި.

18:37

ރައީސް: ރާއްޖޭގެ އިގްތިސާދު 6 މަސް ތެރޭ ހަމައަކަށް އެޅޭނެ ކަމަށް ބެލެވޭ. އެކަމަކު ޓޫރިޒަމް ރާއްޖޭގެ މައިގަނޑު އެއްޗަކީ. މި އަންނަ މަސް ތެރޭ ޗައިނާ އަޅުގަނޑުމެންނަށް ހުޅުވޭ ވަރު ވާނެ. ސައުތު އީސްޓް އޭޝިޔާއަށް އަޅުގަނޑުމެންނަށް ރާއްޖެ ހުޅުވާލެވޭނެ. އޭރުން ރާއްޖެ މަޑުމަޑުން ހަމަޔަކަށް އެޅޭނެ.

18:27

ރައީސް: އެންމެންގެ މުސާރަ ވަނީ ހަމަހަމަ ކުރަން ރާވާފައި. އެހެން ނަމަވެސް އެކަން މިވަނީ ލަސްކޮށްލަން ޖެހިފައި. ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު މުސާރަ ލިބެން ޖެހޭ.

18:18

ރައީސް: މިހާރުވެސް ރާއްޖެއިން ބޭރަށް 300 މިލިއަނެއްހާ ޑޮލަރު އެބަދޭ ބޭރަށް. އެ ފައިސާ އެބަޖެހޭ ހިފަހައްޓަން. އަޅުގަނޑުމެންގެ ކުރިމަތީ ޗެލެންޖު އެބަހުރި. އަޅުގަނޑުމެން ޒުވާނުން ކެރިގެން މަސައްކަތަށް ނުކުންނަންވީ. އޭރުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ.

18:16

ރައީސް: ރާއްޖޭގެ އާ ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓް އަންނާނެ މި މަހު 30 ގައި. އެކަމަށް އަޅުގަނޑުމެން އިންވެސްޓް ކުރާނަން. އަދިވެސް ޑައިވާސިފައިކުރަން ކަންކަން އެބަހުރި. މިސާލަކަށް ދަނޑުވެރިކަން ކަހަލަ ކަންކަން.

18:13

ރައީސް: އައިއެމްއެފްގެ ޕެކޭޖަކަށް ދިޔުމުގެ ވިސްނުމެއް ނެތް. އެބޭފުޅުން ފައިސާ ދެންޔާ ހުރޭ ޝަރުތުތަކެއް. މުވައްޒަފުން މަދުކުރުން މުސާރަ ކުޑަކުރުން. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެ ޕެކޭޖަކަށް އަޅުގަނޑުމެން ނުދާނަން.

18:06

ރައީސް: އަޅުގަނޑުގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު. އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކު. ރައްޔިތުންނަށް ވީހާލެއް އަޅުގަނޑަށް ވެސް ވާނެ.

18:03

ބްރިޖްގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނެ. އެކަމުން އިގްތިސާދަށް ރަނގަޅު ވާނެ.

18:02

ޗައިނާއިންވެސް އެހީ ދޭނެ ކަމަށް ވިދާޅުވި. އަލީ ބާބާގެ ވެރިޔާ ދެއްވާ އެހީވެސް ސިންގަޕޫރަށް އަންނާނެ. ޗައިނާގެ އެހީ ހުރީ ތައްޔާރަށް. އަޅުގަނޑު އުންމީދަކީ އެމަޖެންސީ ހާލަތުގައި ފްލައިޓުވެސް ފޮނުވައިގެން ގެނެސްދޭނެ.

17:57

ރައީސް: ސަރުކާރުގެ ފްލެޓްތަކުގެ ކުލި ލަސްކޮށްލުން އެއީ މަޝްވަރާކޮށްލަން ރަނގަޅުކަމެއް.

17:53

ރައީސް: ވޯސްޓް ކޭސް ސިނާރިއޯއަށް އަޅުގަނޑުމެން ތައްޔާރު. އައިސީޔޫ 200 އެނދު ތައްޔާރުކުރުމުގެ މަސައްކަތް އެބަދޭ. އަޅުގަނޑުމެންނަށް ޑޮކްޓަރުން ވަރަށް ރަނގަޅު ލަފާދެއްވާ، އެގޮތާ އެގޮތަށް އަޅުގަނޑު ރަނގަޅު ކުރާނަން.

17:50

ރައީސް: އެޕިޓޮމިކަލް ރިސާޗެއް އޮތީ ހެދިފައި މި މަސައްކަތް ފަށައިގަތްއިރު. ރާއްޖޭގެ ކާވް ނުދޭ އަރައިގެން މައްޗަށް. މުޅި ދުނިޔެއަށް ވުރެ އަޅުގަނޑުމެންނަށް ކުރި ހޯދިފައި މިވަނީ. ސައުތު އޭޝިޔާ އޮތީ މާބޮޑަށް ދުރާލާ މިކަމަށް ތައްޔާރުވެފައި. ޔޫރަޕް، އެމެރިކާ ދުރާލާ ފިޔަވަޅު އެޅި ނަމަ، ދުނިޔެ މި ހިސާބަކަށް ނުދިޔައީސް. އެއީ ހިތާމަވެރި ކަމެއް.

17:47

ލޯނުތަކަށް ލުއި ހޯދަން ޗައިނާއާ މަޝްވަރާ އެބަ ކުރެވޭ: ރައީސް

ރާއްޖެއިން ވަރަށް ގިނަ ލޯނު ކުރިއަށް އޮތްތާ ވަނީ ނަގާފައި. ކުރިން އޮތީ ޗައިނާއިން ވަރަށް ގިނަ ލޯނު ނަގާފައި. އެޗްޑީސީއިން އެކަނި އެބަޖެހޭ މިއަހަރު 100 މިލިއަނާ ގާތަށް، ޗައިނާއަށް ދައްކަން. އަޅުގަނޑު ސީދާ ޗައިނާގެ ރައީސްއަށް، ސިޓީއެއް ފޮނުވައިފިން ލޯނުތަކަށް ލުއި ހޯދަން. އަޅުގަނޑު އުންމީދަކީ އަވަށްޓެރި ރަހުމަތްތެރި ގައުމެއްގެ ހައިސިއްޔަތުން ރަނގަޅު ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް.

17:45

50 ރިސޯޓް ބަންދުކޮށްފި

މިހާތަނަށް 50 ރިސޯޓް ބަންދުކޮށްފި. ކުރިއަށް އޮތް ހަފްތާ ދެ ހަފްތާ ތެރޭ، ހުރިހާ ރިސޯޓެއް ބަންދުވާނެ ކަމަށް ބެލެވޭ. އެކަމަކު އަޅުގަނޑުމެންގެ މުސްތަގުބަލު އުޖާލާ. މިވަގުތު މާޔޫސްނުވާންވީ.

17:43

ރައީސް: މިއީ އަޅުގަނޑުމެން ކެތްތެރިވެލަންވީ ވަގުތު. އުންމީދު ކަނޑާލަންވީ ވަގުތެއް ނޫން. މިއަހަރުގެ ފަހުކޮޅު އިކޮނޮމިކް ބޫމެއް އަންނާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑަށް ފެންނަނީ މިއަހަރު ފަހުކޮޅު މުޅި ރާއްޖޭގެ ރިސޯޓްތައް ފުރުގެން ދާތަން. އަޅުގަނޑަށް ފެންނަނީ އުޖާލާކޮށް.

17:36

ރާއްޖެ މިއޮތީ ލޮކްޑައުންގައި: ރައީސް

މިއީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫން. ރާއްޖެ މި އޮތީ ލޮކްޑައުންފައި. މީގެ 24 ގަޑިއިރު ފަހުން މީހަކަށް ރާއްޖެ ނާދެވޭނެ. އެހެންވީމާ، މިއީ ލޮކްޑައުންއެއް. ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށްދޭނެ. ސަރުކާރު މި އޮތީ ހަމަ ތައްޔާރަށް ރައްޔިތުންނަށް ހިދުމަތް ކުރަން.

17:32

ފޮރިން ކަރަންސީ ޝޯޓޭޖެއް އެބަހުރި. މިވަގުތު ރާއްޖެއިން ވިސްނުން ހުރީ ލޯނު ނަގަން. އަޅުގަނޑުމެންގެ އެބަހުރި ކަރަންސީ ސްވޮޕް އިންޑިއާގެ ރިޒާވް ބޭންކާ އެކު. ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު އެބަހުރި. އަޅުގަނޑުމެންނަށް ދެތިން ހަތަރު މަހެއް ހިފަހައްޓާލެވޭނެ ޑޮލަރުގެ ޝޯޓޭޖެއް ނެތި. މިއީ އެހާ ދުރަށް ވިސްނައިގެން ފިޔަވަޅު އަޅަންވީ ވަގުތެއް ނޫން. އެވަގުތަކާ ހާލަތަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ދާނެ.

17:31

ވަރަށް ގިނަ ދިވެހިން ބޭރުގެ ގައުމުތަކުގައި އެބަތިބި. އެ މީހުން އަނބުރާ ރާއްޖެ ގެންނަ ހިސާބަށް ގޮސްފިއްޔާ ޗާޓާ ފްލައިޓް ބާއްވައިގެން އެކަން ކުރުމަށް އެބަ ތައްޔާރުވަން. އެއީ ބޮޑު ހަރަދެއް. ނަމަވެސް އަޅުގަނޑުމެން އެކަން ކުރާނަން. ނޭޕާލްގައި ތިބި ކުދިން ގެނައުމުގެ މަސައްކަތް އަދި ފިލިޕީންސްގައި ތިބި ކުދިން ގެނައުމުގެ މަސައްކަތް އެބަ ކުރަން. ހާއްސަކޮށް ނޭޕާލްގައި ތިބި ކުދިން ގެންނަން އެބަ މަސައްކަތް ކުރަން.

17:29

ސިޓިމްލަސް ޕެކޭއް އަޅުގަނޑުމެން ވިޔަފާރިތަކަށް ރިސޯޓްތަކަށް ވިސްނުމުގެ ބޭނުމަކީ ދިވެހިންގެ ވަޒީފާތައް ހިފެހެއްޓުން. އެންމެން އެކީގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ހައްލެއް ހޯދޭނެ. އަޅުގަނޑުމެން މި ބަލަނީ ސަރުކާރުން ލޯނު ދޫކޮށްގެން މުވައްޒަފުން ވަކިނުކޮށް ވޭތޯ ބެލުން. އަޅުގަނޑު ވިޔަފާރިވެރިންނަށް ގޮވާލަކީ އާންމުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން ކުރެއްވުން. ބޭސިކް ސެލެރީ ލިބޭނެ ވަރު ކޮށްދޭނަން.

17:28

މާލޭގެ ކުލިތައް ބޮޑު. ނަމަވެސް މިވަގުތު ކުލި ރެގިއުލޭޓް ކުރުމާ މެދު އަދި ނުވިސްނަން. އެކަމަކު އެކަމާ މެދު އަޅުގަނޑު ކުރިއަށް އޮތްތާ ވިސްނާނަން. ކުލި ބޮޑު.

17:26

އެމްއެމްއޭ ގަވަރުނަރު ހުރިހާ ބޭންކުތަކެއްގެ މެނޭޖަރުންނާ ބައްދަލުކުރައްވައިފި. ބީއެމްއެލް ނޫން އެހެން ބޭންކުންތަކުން ވެސް ސަރުކާރުގެ ސިޔާސަތަށް ތާއިދު ކުރައްވާ، ލޯނުތަކަށް ލުއި ދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި.

17:25

ސުވާލުތަކަށް ހުޅުވާލައިފި.

17:24

މިހާރުވެސް ހުރިހާ ރަށްރަށުގައި އެއް މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ހުންނާނެ. އަދި ކުރިއަށް އޮތް 10 މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ސްޓޮކް ކުރުމުގެ މަސައްކަތް އެބަދޭ.

17:21

ވޯލްޑް ބޭންކުން 10 މިލިއަން ދީފި

ރައީސް: ވޯލްޑް ބޭނުންކުން ކޮރޯނާވައިރަސް ފަންޑަށް 10 މިލިއަން ޑޮލަރު ވަނީ ދީފައި.

17:20

އިންޓަނެޓްގެ އަގަށް ލުއި ދޭނަން: ރައީސް

އިންޓަނެޓްގެ އަގަށް ވެސް މިދަނޑިވަޅުގައި ލުޔެއް ލިބޭނެ. ކުރިއަށް އޮތް ހަފްތާްއެއްހާ ދުވަހުގެ ތެރޭގައި އެކަން އިއުލާން ކުރެވޭނެ.

17:19

ރައީސް: 2.5 ބިލިއަން ރުފިޔާގެ އިގްތިސާދި ޕެކޭޖުގެ ދަށުން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާ ހުޅުވާލާނަން.

17:17

އެޗްޑީއެފްސީއިން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަހަށް ފަސްކުރަން ވަނީ ނިންމާފައި.

17:16

ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު: ރައީސް

ރައީސް: އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު. މުޅި އިގްތިސާދަށް ވަރަށް ބޮޑަށް އަންނަނީ ގެއްލުންވަމުން. އެކަމަކު، މިވަގުތަކީ ރައްޔިތުންގެ ސިއްހަތު މުހިންމުވާ ވަގުތެއް.

17:15

އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލަނީ

ރައީސް: މި މަހުގެ 27 އިން ފެށިގެން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމައިފިން

17:14

އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު

ރައީސް: އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމައިފިން.

17:13

ރައީސްގެ އާދޭސް: ބޭރަށް ނުގޮސް ގޭގައި މަޑުކުރައްވާ

ރައީސް: ބޭރަށް ނުގޮސް އާންމުން ގޭގައި މަޑުކުރައްވާ. އާންމުންގެ ދިރިއުޅުމަށް މިވަގުތު ވަނީ ހުރަސްއެޅިފައި. އެހެން ނަމަވެސް މިވަގުތު ސިއްހީ ދާއިރާގެ ބޭފުޅުން ބުނާ ގޮތް ހައްދަވާ. މިއީ އެންމެންގެ ރައްކަލަކަށް ކުރާ ކަމެއް.

17:12

ސިއްހީ ދާއިރާގެ ބޭފުޅުން ބުނާ ކޮންމެ ފިޔަވަޅެއް އަޅާނެ: ރައީސް

ރައީސް: އެންމެ އިސްބަސްވެސް އަދި ފަސް ބަސްވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން. އެބޭފުޅުންގެ އިރުޝާދުތައް ސަރުކާރުން ތަންފީޒު ކުރާނަން.

17:10

ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހު ފުރަތަމަ ވެސް ވިދާޅުވީ، މިއަދުގެ ޕްރެސްގެ ބޭނުމަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފްސީލް ދެއްވުން ކަމަށް. އެގޮތުން 46 އިދާރާއެއް ގުޅިގެން އަދި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވި. އަދި އާންމުންގެ ކެތްތެރިކަމަށް ރައީސް ހިތްވަރު ދެއްވި.

16:52

ރައީސް ސޯލިހުގެ ޕްރެސް ފަށައިފި.

16:38

މިއީ ކޮރޯނާވައިރަސްއަށް ފަހު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު. މި ޕްރެސްގައި މިހާލަތުގައި ރާއްޖެއިން އަޅާނެ އާ ފިޔަވަޅުތައް ރައީސް ހާމަކުރައްވާނެ ކަމަށް ބެލެވޭ.

https://sun.mv/133730

16:29

ރައީސް ސޯލިހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ދީފައި ވަނީ މިއަދު ހަވީރު 4:45 އަށް.