ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރަައްވަނީ

ރައީސް ސޯލިހް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮރޮނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހަވިރު 4:45ގައި ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުން އޮތީ ދަރުބާރުގޭގަ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރައީސް ސޯލިހް މިހާތަނަށް ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ. މިއީ ރައިސް މިކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަަރެވެ.

ބެލެވޭ ގޮތުގައި މި ބައްދަލުވުމުގައި ރައީސް ސޯލިހް މުހިންމު ނިންމުމަތަކެއް އިއުލާން ކުރައްވާނެ އެވެ.

ރައީސްގެ ޕްރެސްއާ ގުޅިގެން، ކޮރޯނާވައިރަސްގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން އާދައިގެ މަރިން ބާއްވާ ޕްރެސް މިއަދު ވަނީ ކެންސަލްވެފަ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައީސް ސޯލިހް މިމަހު 12 ވަނަ ދުވަހު ގައުމާ މުހާތަބުކުރައްވާ ވާހަކަ ދެއްކެވި އެވެ. ރައީސް ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ، ކޮރޯނާވައިރަހާ ގުޅިގެން އިގްތިސޯދަށް ބޮޑު ލޮޅުމެއް އަޔަސްވެސް މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށާއި މުވައްޒަފުންގެ މުސާރަވެސް ކަނޑާނުލާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 ބިދޭސީން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ފަސް މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

ސަރުކާރުން ވަނީ ކޮރޯނާވައިރަހާ ގުޅިގެން މިމަހު 12 ވަނަ ދުވަހު ކުއްލި ސިއްހަތުގެ ނުރައްކާ އިއުލާންކޮށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ނުވަ ގައުމަކުން މީހުން އައުން މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ އެންމެން ކަރަންޓިން ކުރުން ހިމެނެއެވެ. މީގެ އިތުރުން އެހެނިހެންވެސް ބައިވަރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

https://sun.mv/133654

comment ކޮމެންޓް