ލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަން މަސައްކަތް ކުރަނީ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ ސްރީލަންކަން

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ފްލައިޓުތައް މެދުކަނޑާލާފައިވާ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް ހާއްސަ ފްލައިޓެއް ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ- މޯލްޑިވްސް އިން ބުނެފި އެވެ.

ސްރީލަންކާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމަށް ފްލައިޓު އައުން މިދިޔަ ހަފްތާއިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖެއިން ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެގައުމުން ފްލައިޓު އައުން މަނާކޮށްފަ އެވެ.

އިނާ މޯލްޑްވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު "ސަން" އަށް ވިދާޅުވީ، ލަންކާގައި ތިބި ގިނަ ދިވެހިން އެދޭތީ އެމީހުން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދެ ސަރުކާރާވެސް މިދަނީ ވާހަކަ ދައްކަމުން. ހުއްދަ ލިބުނުހާ އަވަަކަށް ފްލައިޓު ބާއްވާނާން،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު، އޮމަރު އަބްދުލް ރައްޒާގު "ސަން" އަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދިވެހިން ގެނައުމަށް އަދި މިހާތަނަށް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެއާލައިންތަކާ ގުޅިގެން ކުރިއަށް ދިޔުމަސް ދެންނެވި ކަމަށެވެ.

އިއްޔެ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ސަރުކާރުން ބޭރުގައި ތިބި ދިވެހިން ގެންނާނީ އެތަނެއްގައި ތިބި ބަޔަކަށް ނުރައްކަލަކަށް ވާނަމައެވެ. ސަރުކާރުން އެނޫން ހާލަތްތަކުގެ އެ ދިވެހިން ރާއްޖެ ނައިސް ގޭގައި މަޑު ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފަނަރަހާއަށްވުރެ ގިނަ އަދަދަކަށް ދިވެހިން ދިރުއުޅެމުން އަންނަ ލަންކާގައި މިހާތަނަށް 97 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިއަދު އެކަނިވެސް 15 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ވައިރަސް ޖެހިގެން ރަނގަޅުުވެފައިވަނީ ދެ މީހެކެވެ.

comment ކޮމެންޓް