ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މިއަދު ހުކުރު ނަމާދުގެ ޖަމާއަތް މާލޭގެ މިސްކިތްތަކުގައި ނުބާއްވަން ނިންމާފައި ވާތީ، އެ ނަމާދުގެ ބަދަލުގައި، ގޭގައި ތިބެ މެންދުރު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން 28ވާ ހޮނިހިރު ދުވަހުގެ އަަސުރު ނަމާދާ ހަމަޔަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި އެ މުއްދަތުގައި ހުކުރު ނަމާދު ކުރުން ހުއްޓާލަން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނީ ހުކުރު، އީދު، ކޭތަ، އިސްތިސްގާ ނަމާދު ފަދަ ޝިއާރުތައް ގާއިމުކުރުމަކީ ޝަރީއަތުގައި ވެރިމީހާގެ މައްޗަށް މަތިކުރާ ޒިންމާއެއް ކަމަށެވެ.
"މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއާ ގުޅިގެން މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ ހަތަރު ރަކުއަތުން މެންދުރު ނަމާދު،" އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.
ޓީވީތަކުން މިއަދު ލައިވްކުރަން ނިންމާފައި ވަނީ ވެސް، ކ.ހިންމަފުށީ މަސްޖިދުލް ޒިކުރާގައި މިއަދު ކުރާ ހުކުރު ނަމާދެވެ. ހުތުބާ ދެއްވާނީ، ޝައިހް ނަސްރުﷲ އަލީ އެވެ.
މާލޭގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި ވުމާ އެކު އާންމުކޮށް މިސްކިތްތަކުގައި ގޮވަމުން ދިޔަ ބަންގިއާ ހިލާފަށް މިހާރު ބަންގި ގޮވާއިރު ގޮވާލަނީ، ގޭގައި ނަމާދު ކުރުމަށެވެ.