ލަންކާގައި 44 މީހަކު ވައިރަހަށް ޕޮޒިޓިވްވެއްޖެ

ލަންކާއިން ވަނީ ކޮރޯނާވައިރަހާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (މާޗް 18): ސްރީލަންކާގައި އިއްޔެ 15 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 44އަށް އަރައިފި އެވެ.

ލަންކާގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އެގައުމުގެ ރައްޔިތުންނާއި އިޓަލީ އާއި ޖަރުމަނާއި އިނގިރޭސިވިލާތުގެ ރައްޔިތުން ހިމެނެ އެވެ. އަދި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ލަންކާއިން އިއްޔެ ވަނީ އެ ގައުމަށް ވައިގެ މަގުން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ސަރުކާރު ބަންދުކޮށް، އަންނަ މަހުގެ 20އާ ހަމަޔަށް ސްކޫލުތައް ބަންދު ކުރަން ނިންމައިފަ އެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ރޭ ދެއްވި ތަގުރީރެއްގައި ވަނީ ވައިރަހާ ގުޅިގެން އެ ގައުމުން އަޅާ އިތުރު ފިޔަވަޅުތައް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން މުގު ކިލޯއެއްގެ އަގު 65 ރުޕީސް (5.41 ރުފިޔާ) އަށް ވުރެ މަތި ނުކުރުމަށާއި މަސް ދަޅުގެ އަގު 100 ރުޕީސް (8.33 ރުފިޔާ) އަށް ވުރެ އިތުރު ނުކުރުމަށް އެންގުން ހިމެނެ އެވެ. އަދި ރައީސް ވަނީ ކުރިއަށް އޮތް ހަ މަސް ތެރޭ، ވިޔަފާރި ލޯނުތަކަށް ފައިސާ ހޯދުން ބޭންކުތަކުން ހުއްޓާލަން އަންގައިފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 198،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 7,948 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް