ކޮރޯނާވައިރަސް: މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކުރަނީ

މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަ ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ހަރަދުތައް ކަނޑަން ފިނޭންސް މިނިސްޓަރުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިނިސްޓަރު އެދިވަޑައިގަންނަވަނީ މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިހާރު އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮރޯނާވައިރަހުން އަންނަ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ހަރަދުތައް ކުޑަކޮށްގެން ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ސަރުކާރުން ވަނީ މީގެކުރިން ނިންމައިފައެވެ.

ހަމައެއާއެކު ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެކަމާ ގުޅިގެން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންފަރެންސްގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.

comment ކޮމެންޓް