އިސްލާމް ދީނާ ދެކޮޅު ޖަމިއްޔާތައް ގެންނަކަމަށް ކުރާ ތުހުމަތުތައް ރައީސް ނަޝީދު ދޮގުކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންއިން ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްތަކެއްގައި ދީނާ ހިލާފު ވާހަކަަތަކެއް ދެއްކި ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ އެޖެންޑާ ނުކުރި މައްސަލައިގައި ވަނީ ބޮޑެތި ފާޑިކިޔުންތަކެއް ކުރިމަތިވެފަ އެވެ.
އެކަމާ ގުޅޭގޮތުން ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުއިލިއަމް ޖަމިއްޔާ ރާއްޖެ ގެނެސް ވޯކްޝޮޕްތައް ހިންގަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކަަމަށެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް ރާއްޖޭގައި މަސައްކަތްކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.
"އަޅުގަނޑުގެ އެހީތެރިކަމާއެކު އެފަދަ ޖަމިއްޔާއެއް ގެންނަކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީގެ މެމްބަރު [ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު] ޑރ. އަބްދުﷲ ޚަލީލް ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކާވާހަކަ،" ރައީސް ނަޝީދުގެ ޓުވީޓުގައިވެ އެވެ.
ދީނާ ދެކޮޅު ވޯކްޝޮޕްތަކުގެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ބަލަމުންނެވެ.