މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ވަރު އެސްއެމްއެސްއިން އަންގަނީ

ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު، އެ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް، ފުލުހުންގެ އިދާރާއިން ހަމަޖައްސައިފި އެވެ.

މީގެ ކުރިންވެސް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ތަހުގީގު ފަށާ ހިސާބުން ފެށިގެން އެ މައްސަލައިގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރާއި ކޭސް ނަމްބަރާއި މައްސަލަ ބަލަން ފެށިކަން ހުށަހަޅާ ފަރާތަށް އެސްއެމްއެސްއަކުން އަންގަ އެވެ.

ނަމަވެސް، މިހާރު މި ގެނެވުނު ބަދަލާއެކު، ކުރިން ހިއްސާކުރަމުން ގެންދިޔަ މައުލޫމާތުގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރަމުން ގެންދާނެ އެވެ.

މި ހިދުމަތަށް މި ގެނެވުނު ބަދަލާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

މި ހިދުމަތަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ކަނޑައަޅާފައިވާ އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ލަނޑުދަނޑީގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި ގެނައި މުހިއްމު ބަދަލެކެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަހަރަކު 17،000 މައްސަލަ ފުލުހުންނަށް ހުށަހެޅޭ ކަމަށެވެ. މި ހުރިހާ މައްސަލައެއްގައި ޝަކުވާ ހުށަހަޅާ ފަރާތްތަކާއި ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެ ފަރާތަކުން ހުށަހެޅި މައްސަލައެއް ކުރިއަށްދާ ގޮތް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކޭސް ތަހުގީގު ކުރާ ފަރާތާއެކު މުއާމަލާތްކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން މިއަދު މި ގެނައި ބަދަލާއެކު އާންމު ރައްޔިތުންނަށް އެ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު މިހާރަށް ވުރެ ފުރިހަމަށް ލިބިގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

comment ކޮމެންޓް