މެންބަރު ހަސަން ލަތީފް ބައިސްކަލްގައި މަޖިލީހަށް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނެވީ ބައިސްކަލުގަ އެވެ.

މެންބަރު ހަސަން ބައިސްކަލުގައި މަޖިލީހުގެ ގޯތިތެރެއަށް ވަދެވަޑައިގަންނަވާ ވީޑިއޯއެއް ޓްވިޓާގައި ދައުރުވަމުންދާ އިރު މިއީ ރަނގަޅު ބަދަލެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ހަސަން އަށް މަރުހަބާ ކިޔަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާ ހަސަން ލަތީފްގެ ވީޑިއޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި އެއް ބޭފުޅަކީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ. ހަސަން ލަތީފް ބައިސްކަލު ޕާކު ކުރައްވާ އިރު، ބައިސްކަލްގައި ވަޑައިގަތުމަކީ ކޮންކަހަލަ ބަދަލެއްތޯ ރާއީ ސުވާލު ކުރައްވަ އެވެ.

"މިއީ ވަރަށް ރަނގަޅު ބަދަލެއް. ކަސްރަތަށް ވެސް ތިމާވެއްޓަށް ވެސް،" ހަސަން ލަތީފް ވިދާޅުވެ އެވެ.

ހަސަން ލަތީފް ވިދާޅުވީ ބައިސްކަލު ދުއްވުމަކީ ހަށިގަނޑަށް ވެސް ރަނގަޅު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވީ މާލޭގައި އެއް ތަނުން އަނެއް ތަނަށް ދާން ހިނގާފައި ނުވަތަ ބައިސްކަލުގައި އުޅެވޭނެ ކަމަށެވެ. މާލޭގައި އެއް ތަނުން އަނެއް ތަނަށް ދިޔުމަށް ކާރާއި ސައިކަލު ބޭނުންވާނެ ސަބަބެއް އެއްވެސް ގޮތަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ރާއްޖޭގައި ކްލައިމެޓް އެމަޖެންސީ އިއުލާނު ކުރުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

comment ކޮމެންޓް