އަންޖުމް ގައިގައި ޖެހުނު އިރު ބަސް އޮތީ ނުބައި ލޭނުގައި: ޕޮލިސް

މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިވޭއަށް އަރަން ދިޔަ އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވީއިރު، ސައިކަލު ދުއްވަމުން ދިޔަ ލޭނަށް ބަސް އެޅިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މައުލޫމާތު ދެމުންނެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން ކ.ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގު ވަނީ ނިޔާވެފަ އެވެ.

އެކްސިޑެންޓުގައި ކުޑަ ކުއްޖަކު ނިޔާވުމާ ގުޅިގެން އެމްޓީސީސީން ބަހުގެ ހިދުމަތްދިނުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދޭތޯ އާއި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ކޮމިޓީން މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ އެ ރޭގެ 8:35 ހާއިރު ހުޅުމާލޭ ނިރޮޅުމަގުން ހައިވޭއާ ގުޅޭ ދިމާލުން، ހައިވޭއަށް އަރަން ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ބަހަކާއި، ސައިކަލެއް ދުއްވާފައި ދަނިކޮށް، ހައިވޭއަށް އެރުމަށްޓަކައި ބަސް އަނބުރާލި ވަގުތު ބަހާއި ސައިކަލް ޖެހިގެން ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ބަސް އަނބުރާލި ވަގުތު ސައިކަލު ދުއްވަމުން ދިޔަ ލޭނަށް ބަސް އަރާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބަސް ދުއްވަން އިން 54 އަހަރުގެ ޑްރައިވަރު ހައްޔަރުވެސް ކުރި އެވެ. ނަމަވެސް އޭނާ އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ހަތް ދުވަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އެ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި، ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީން ބުނީ، އެ އެކްސިޑެންޓް ހިނގިކަން ޑްރައިވަރަށް ނޭނގޭ ކަމަށާއި އަދި ބަހުގައި ކޫރުމެއްހާ ހިސާބު ވެސް ނެތް ކަމަށެވެ. އަދި ބަހުގައި އޭރު ތިބި މީހުންނަށް ވެސް އެކްސިޑެންޓްއެއް ހިނގިކަން ނޭނގޭ ކަމަށެވެ.

މި ހާދިސާގެ ކުރިން އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާގެ ލައިސެންސް ވަނީ ހިފަހައްޓައިފަ އެވެ. އަދި އެމްޓީސީސީގެ ވަޒީފާއިން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި ވެސް އެކްސިޑެންޓެއް ހިނގި އެވެ. އެ އެކްސިޑެންޓު ވެސް ހިނގީ ޑްރައިވަރަށް ނިދިޖެހިގެންނެވެ. މި އެކްސިޑެންޓުގައި ހިމެނޭ ޑްރައިވަރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މި އެކްސިޑެންޓުތަކާ އެ ކުންފުނިން ވަނީ މިފަދަ ހާދިސާތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެގޮތުން ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ކޮންމެ ޑްރައިވަރަކު ވެސް އިންޗާޖުގެ ހާޒިރުގައި ދުއްވަން ތައްޔާރުކަން އަންގައިދޭ ޑެކްލެރޭޝަން ފޯމެއްގައި މިހާރު އަންނަނީ ސޮއިކުރަމުންނެވެ. އަދި ޑިއުޓީއެއް ނިމުމުން ދަތުރު ރިޕޯޓު ތައްޔާރުކުރަން ވެސް ވަނީ ފަށައިފަ އެވެ.

މީގެއިތުރުން ހަ ބަހެއްގައި އިމަޖެންސީ ސްޓޮޕް ސްވިޗް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

އެގޮތުން ހުޅުމާލެ އަދި އެއާޕޯޓުގައި އޮޕަރޭޓް ކުރާ 10 ބަހުގެ ތެރެއިން ހަ ބަހެއްގެ ދުވެލި 55 ކިލޯމީޓަރަށް ވަނީ ލިމިޓްކޮށްފަ އެވެ.

އަންޖުމް ނިޔާވި މައްސަލަ ބެލުމަށްފަހު އެސްއޯއީ ކޮމިޓީން ވެސް ވަނީ ފިޔަވަޅުތަކެއް އެޅުމަށް ފާސްކޮށްފަ އެވެ. އެގޮތުން އެމްޓީސީސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާ ގުޅިގެން ކުންފުންޏަށް އައިސްފައިވާ ބަދަލުތައް މޮނީޓާކޮށް، ކުންފުންޏަށް އައިސްފައިވާ ކުރިއެރުންތައް އަންގައިދޭ ރިޕޯޓެއް، ކޮމިޓީގެ ރިޕޯޓް ފާސްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަން އެ ކުންފުންޏަށް އަންގަން ވަނީ ފާސްކޮށްފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 60 މެމްބަރުންގެ ވޯޓުން އެ ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް