ގޯލްޑް 100: އިންގިލާބީ ސަތޭކަ ކުންފުނީގެ ކާމިޔާބީ ފާހަގަކޮށްފި

ގޯލްޑް 100 ގާލާ ނައިޓް-- ސަން ފޮޓޯ/ އަހްމަދު ސައީދު

ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުން ހޯދާފައިވާ ކުންފުނިތައް ހޮވައި، ގޯލްޑް 100 މެގަޒިން ނެރެފި އެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކުރާ ގޯލްޑް 100 ލިސްޓަށް ހޮވުނު ކުންފުނިތައް އިއުލާނުކުރީ ރޭ ދަރުބާރުގޭގައި ބޭއްވި ގޯލްޑް 100 ގާލާ ނައިޓުގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މިއަހަރުގެ އެވޯޑު ރަސްމިއްޔާތުގައި ގޯލްޑް 100 ލިސްޓަށް ހޮވުނު 100 ކުންފުނީގެ އިތުރުން ދެ ބޭފުޅަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ވަނީ އަރުވާފަ އެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިލެއްވި ދެ ބޭފުޅުންނަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ފައުންޑާ އަދި ޗެއާމަން އަލްމަރުހޫމް އަބްދުލް ރަޝީދާއި ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަލާހު ޝިހާބު އެވެ.

މީގެ އިތުރުން ސީއެމްޑީއޭއިން 2018 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ "ސީޖީ އެފަޓްސް އެވޯޑަށް" ހޮވުނު ކުންފުނިތައް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ކުންފުނިތަކުގެ ތެރޭގައި ކޯޕަރޭޓް ގަވަނަންސް ޕްރޮމޯޓު ކުރަން ހިތްވަރު ދިނުމުގެ ގޮތުން ދޭ މި އެވޯޑުގެ ކެޓަގަރީތަކަކީ ލިސްޓަޑް، ނޮން ލިސްޓަޑް އަދި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) އެވެ.

ލިސްޓަޑް ކެޓަގަރީން އެސްޓީއޯ ހޮވުނުއިރު، ނޮން ލިސްޓަޑް ކެޓަގަރީން އެވޯޑު ލިބުނީ އެލައިޑް އިންޝުއަރެންސްއަށެވެ. އަދި މިއަހަރު އަލަށް ތައާރަފުކުރި އެސްއޯއީ ކެޓަގަރީން އެވޯޑު ލިބުނީ ސްޓެލްކޯއަށެވެ.

ކުލަގަދަކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ގޯލްޑް 100 އަކީ ވަނަވަނައަށް ހޮވުމުގެ ބަދަލުގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތައް ދެނެގަތުމަށްފަހު ހޮވައިލެވޭ ލިސްޓެކެވެ.

މި އެވޯޑު ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، ކާމިޔާބު އީޖާދުތައް އެ ކުންފުންޏަކާ ގުޅޭ ދާއިރާއިން ތައާރަފުކުރި މިންވަރާއި އިޖުތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތް ކޮށްފައިވުން ހިމެނެ އެވެ.

މިއަހަރުގެ ގޯލްޑް 100 ގާލާގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް